ރާއްޖޭގައި ބާއްވާ އެންމެ ބޮޑު
ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 'ވޯލްޑް
އެތުލެޓިކްސް ރޭންކިން ކޮމްޕެޓިޝަން'އެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.

މީގެ ސަބަބުން، މި ދުވުމުގައި ބައިވެރިވާ ދުވުންތެރިން ހޯދާ ނަތީޖާތައް ބައިނަލްއަގުވާމީ
ރޭންކިންގައި ހިމެނި، ދުނިޔޭގެ ފެންވަރުގައި ރަސްމީކޮށް ބަލައިގަންނަ
ކާމިޔާބީތަކަކަށް ވެގެންދާނެ އެވެ.

ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ދުވުމެވެ.

މި އަހަރުގެ ރޯޑް ރޭހުގައި 5،500 އަށް
ވުރެ ގިނަ ދުވުންތެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

މިއީ ޑީއެމްއާރްއާރްގެ ތާރީހުގައި
ވެސް އެންމެ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވާ އަހަރެވެ. މި ދުވުމުގައި
ބައިވެރިވުމަށް ފުރަތަމަ 4،000 ފުރުސަތު ހުޅުވާލި ނަމަވެސް، އާންމުންގެ ފަރާތުން
ލިބުނު ފޯރިގަދަ ތަރުހީބާ ގުޅިގެން އިތުރު ފުރުސަތު ވަނީ ދީފަ އެވެ. 

މި ދުވުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު، ހުޅުމާލެ ސެންޓްރަލް
ޕާކުގަ އެވެ. މި ހަރަކާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި ހާފް މެރަތަން، 10
ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފުކޮށްފައިވާ ޓީމް
ކެޓަގަރީތައް ހިމެނެ އެވެ.

މި ދުވުމުގައި ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމުގެ ދާއިރާއަށް
އަލަށް ނުކުންނަ ފަރާތްތައް ބައިވެރިވެ އެވެ. މި މުބާރާތުގެ މައިގަނޑު މަގުސަދަކީ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ހިތްވަރުދީ، ދުޅަހެޔޮ
ސިއްހަތެއްގައި ތިބުމަށް ދުވުމުގެ އާދަ އަށަގަންނުވައި، އެންމެންނަށް ވެސް
ބައިވެރިވެވޭ ފަދަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ.

ޑީއެމްއާރްއާރް 2026 އަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ
މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ
ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި
ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް
ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.