ސައުދީ އަރަބިއްޔާގެ ދައްމާމުގައި އޮންނަ ކިންގް
ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ރޭ ދިން ހަމަލާއެއްގައި ދެމީހަކު މަރުވެ، އަށް
މީހަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފި
އެވެ.

މި ހަމަލާ ދިނީ ޔަމަނުގެ ހޫތީ ގްރޫޕުން ސައުދީއަށް
ދޭ ހަމަލާތައް އިތުރުކުރަމުން އަންނަ ވަގުތެއްގަ އެވެ.

ސިވިލް އޭވިއޭޝަނުން ބުނި ގޮތުގައި މި ހަމަލާގައި
މަރުވީ ސައޫދީ މީހަކާއި، އިންޑިއާ މީހެކެވެ. އެއާޕޯޓަށް ލިބިފައިވާ ގެއްލުންތައް ބަލައި
ކަމާގުޅޭ ރިޕޯޓެއް ސިވިލް އޭވިއޭޝަނުން އަންނަނީ އެކުލަވާލަމުންނެވެ.

އީރާނުގެ ތާއީދާ އެކު، ޔަމަނުގެ ވެރިރަށް ސަނާ
އާއި އިތުރު ސަރަހައްދުތަކެއް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ހޫތީން މީގެ ދުވަސްކޮޅެއް
ކުރިން ވެސް ސައުދީ އަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އެގޮތުން ރިޔާދުގެ މައި
އެއާޕޯޓަށާއި، ތެޔޮ ރައްކާކުރާ ތަންތަނަށާއި، އާއްމު ސަރަހައްދުތަކަށް ހަމަލާ
އަމާޒުކުރި އެވެ. މީގެ ސަބަބުން ސައޫދީގެ އިގުތިސާދަށް ދަނީ ގެއްލުންވަމުންނެވެ.
އަދި މުހިއްމު އިންވެސްޓްމަންޓް ކޮންފަރެންސެއް ވެސް ވަނީ ފަސްކޮށްފަ އެވެ.

ސައޫދީން ތާއީދުކުރާ ޔަމަނުގައި އޮތް
ބައިނަލްއަގްވާމީ ގިނަ ގައުމުތަކުން ގަބޫލުކުރާ ސަރުކާރަށެވެ. އަދި ހޫތީންނާ
ދެކޮޅަށް ބައިނަލްއަގްވާމީ ކޯލިޝަނެއް ހަދައި ސައޫދީން އަންނަނީ 2015 އިން
ފެށިގެން ހަނގުރާމަކުރަމުންނެވެ. ބޭނުމަކީ ހޫތީން ކޮންޓްރޯލް ނަގާފައިވާ ސަރަހައްދުތައް
މިނިވަންކުރުމެވެ.

ދެ ފަރާތުގެ މެދުގައި 2022 ގައި ކޮންމެވެސް
ވަރަކަށް ސުލްހަ ގާއިމުވި ނަމަވެސް މި އަހަރުގެ މެދުތެރެއިން ފެށިގެން އަނެއްކާ
ހަނގުރާމަ ވަނީ ވަރުގަދަވެފަ އެވެ.