އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ވައި
ނުސާފުވުމުގެ މައްސަލަ ހައްލުކުރަން ކުރިއާލާ ފިޔަވަޅު އަޅަން ފަށައިފި އެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހު ފިނި މޫސުން
އައުމާ އެކު، އެ ސިޓީގެ ވައި ވަރަށް ބޮޑަށް ތަގައްޔަރުވެ، ނުރައްކާތެރި ހާލަތަކަށްދެ
އެވެ.
ގާތްގަނޑަކަށް 30 މިލިއަން މީހުން ދިރިއުޅޭ
ދިއްލީގެ ވައި ނުސާފުވާން ދިމާވާ އެއް ސަބަބަކީ ޖެހިގެން އޮންނަ ހަރިޔާނާ އާއި
ޕަންޖާބުގެ ދަނޑުބިންތަކުން ކުނިބުނި އަންދަން ރޯކުރުމާއި، ބޯޓުދެލި
ބޭނުންކޮށްގެން ހިންގާ އިންޖީނުގެތަކާއި، ކާރުހާނާތަކުން ބޭރުކުރާ ދުމެވެ.
ދިއްލީ ސަރުކާރުން ވަނީ ކުނި އެންދުން މަނާކޮށް،
ކާބޯތަކެތި ތައްޔާރުކުރާ ތަންތަނުން ދަރު ބޭނުންކުރުން ހުއްޓާލަން ވެސް އަންގައިފަ
އެވެ. މިދިޔަ އަހަރުތަކުގައި ވެސް މިފަދަ ފިޔަވަޅުތައް އެޅި އެވެ. އެކަމަކު އެދެވޭ
ނަތީޖާއެއް ނުނުކުމެ އެވެ.
އިތުރު ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ ނޮވެމްބަރު
އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި
ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމައިފަ އެވެ. ބޭނުމަކީ
ދުއްވާ އުޅަނދުން ބޭރުކުރާ ދުން ވީހާ ވެސް މަދުކުރުމެވެ. މީގެ އިތުރުން އިމާރާތްކުރުމުގެ
މަސައްކަތް ވެސް އެ ދުވަސްވަރު ލިމިޓްކުރާނެ އެވެ.
ދިއްލީގެ ހާލަތު ގޯސްވަނީ ނޮވެމްބަރުން ފެށިގެން
ޖެނުއަރީއާ ހަމަޔަށެވެ. މީގެ ތެރެއިން ވެސް ޑިސެމްބަރު މަހު، އިންސާނުންނަށް ރައްކާތެރިކަމަށް
ކަނޑައަޅާފައިވާ މިންވަރަށްވުރެ 20 ގުނަ މަތީ މިންވަރަކަށް ވައި ނުސާފުވެ އެވެ.
އދ. ގެ ކުޑަކުދިންގެ ޖަމްއިއްޔާ ޔުނިސެފުން ވަނީ
ތަގައްޔަރުވެފައިވާ ވައިގެ ސަބަބުން ކުޑަކުދިންގެ ފުއްޕާމެޔަށައި، ނޭވާލާ ނިޒާމަށް
ޖެހޭ ނުރައްކާތެރި ބަލިތަކުގެ ފުރުސަތު އިތުރުވާކަމުގެ އިންޒާރު ދީފަ އެވެ.