ވާދަވެރި ރެއާލް މެޑްރިޑަށް ފުރައްސާރަ ކުރުމުން، ބާސެލޯނާއިން އެ ކްލަބްގެ އަމިއްލަ ސަޕޯޓަރުންގެ ގުރޫޕެއް ސަސްޕެންޑްކޮށްފި އެވެ. 

މިދިޔަ ހަފުތާގައި ކުޅުނު އެލް ކްލެސިކޯ މެޗުގައި، ބާސާގެ ސަޕޯޓަރުންގެ ގުރޫޕެއް ކަމަށްވާ، "ގޮލް 1957" ތިބޭ ސަރަހައްދުން ވަނީ ރެއާލްގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ޑިފެންޑަރު މާކް ކުކުރެޔާއަށް ފުރައްސާރަ ކުރި އެވެ. އަދި ރެއާލްގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާގެ ގައިގައި ބޮނޑިބޮނޑިކޮށްފައި އޮތް ފޮތިގަނޑަކުން އެއްލައި ޖެހި އެވެ. 

ރެއާލުން 2-1 ން މޮޅުވި މެޗުގައި، ބާސާގެ ސަޕޯޓަރުން ތިބޭ ފަޅިގައި އިށީންދެ އިން ރެއާލްގެ ސަޕޯޓަރަކު އުފާފާޅުކުރުމުން، އެ ތަނުން އެ ސަޕޯޓަރު ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ މެޗުގައި ހަޑިހުތުރުބަހުން މުޚާތަބުކުރި މައްސަލަ ހިމެނޭހެން 10 މައްސަލައެއް ލާ ލީގާގެ ޑިސޕްލިނަރީ ކޮމިޓީއަށް ވަނީ ހުށަހަޅާފަ އެވެ.

ސަޕޯޓަރުންގެ ގުރޫޕަށް ބާސާއިން ދިން އަދަބަކީ އަލަވޭޒާ ދެކޮޅަށް ކުޅުނު މެޗަށް އެ ގުރޫޕް ވަނުން މަނާކުރުމެވެ. "ގޮލް 1957" އަށް ހާއްސަކޮށްފައިވާ ސަރަހައްދު ވެސް ރޭ އޮތީ ބަންދުކޮށްފަ އެވެ. 

ސަޕޯޓަރުންގެ ގުރޫޕަށް ނަސޭހަތްތެރިވުމަށް، ބާސާއިން ވަނީ އެ ގުރޫޕްގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.  އަންގާރަ ދުވަހުގެ ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގައި "ގޮލް 1957" ގެ ސަޕޯޓަރުން އުސޫލުތަކަށް ތަބާވެ ސަޕޯޓްކުރާނެ ކަމަށް، ބާސާއިން އުއްމީދު ކުރާ ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ.