އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ސަރަހައްދެއް ގެއްލިފައިވާ މައްސަލާގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތް ބަލަން ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނިގޮތުގައި ކަނޑުގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ގެއްލިފައިވަނީ އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަޑް ބައިނަލްއަގްވާމީ އެކްސްޕާޓުން ލަފާދީފައިވާތީ، އެކަން ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ.
އެކަމުގެ ދިވެހި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ސީދާ އަދި ނުސީދާގޮތުން ޝާމިލުވި އެންމެހާ ފަރާތްތަކުގެ ނިންމުންތައް އިންސާފުވެރިކަމާއެކު ތަހުގީގުކޮށް، ރައީސަށް ލަފާދިނުމުގެ މަސްއޫލިއްޔަތު އެ ކޮމިޝަނާ ރައީސް ހަވާލު ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދި ކޮމިޝަނުގެ މެންބަރުންނަކީ:
އަހުމަދު ޝާކިރު
- އަބްދުލް އަޒީޒް ޔޫސުފް
- ޑރ. އާމިނަތު ޝާފިޔާ އާދަމް
- ޑރ. އަބްދުލް މުހުސިން މުހައްމަދު
- ރިޓަޔާޑް ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު
- އަހުމަދު އަލީ މަނިކު
- ފާތިމަތު މިންހަތު އިއްޒަތު
އެ ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ކަށިމާ އަހުމަދު ޝާކިރެވެ.
ކޮމިޝަނާ ހަވާލުކުރި ޒިންމާތަކަކީ އިޓްލޮސްގެ މައްސަލަ ހުށަހެޅުމާ ހަމައަށާއި މައްސަލަ ކުރިޔަށް ދިޔަ ގޮތާއި މައްސަލައަށް ރާއްޖެއިން ޖަވާބުދާރީވުމުގައި އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހާ ކަންކަމުގައި ދިވެހި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކާއި ދައުލަތުގެ ފަރާތުން ޝާމިލުވި އެންމެހާ ފަރާތްތަކާއި، އިހުތިޔާރާއި ބާރުތައް އޮތް ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުގީގު ކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ އިހުމާލެއް އޮތްތޯ ބަލައި ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައަޅައި އަދި މައްސަލައިގެ ލިޔެކިޔުންތައް އޭރު ރައްކާކުރި ގޮތް ބަލައި ކޮމިޝަނުގެ ތަހުގީގަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމްކުރަން ކޮމިޝަނަށް ފެންނަ އިސްލާހުތައް ހުށަހެޅުމެވެ.
އެ ކޮމިޝަން ދެމި އޮންނާނީ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކަނޑުގެ ބައެއް ގެއްލުނު މައްސަލާގައި ރިޔާސީ ކޮމިޝަނެއް އުފައްދަވާނެކަން ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ކުރީގެ ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖެއަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ. އަދި އެ ނިންމުންތައް ނިންމި ބޭފުޅުންނާ ސުވާލުކޮށް އެ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަނެ، އެކަމުގައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅު ހަދަމުން ދިއުމަށްފަހު އެ ސްޓޭންޑް ބަދަލުކޮށް، 2021 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އިބޫ އެ ސިޓީފުޅު ފޮނުއްވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލަ އިޓްލޮސްއަށް މޮރިޝަސް އިން ހުށަހެޅުމުން އެ މައްސަލަ ބެލޭނެ ކަމަށް އިޓްލޮސް އިން ކަނޑައަޅާފައި ވަނިކޮށެވެ.
އޭގެ ކުރިން ރާއްޖޭން ވަކާލާތުކުރަމުން ދިޔައީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ސުވާލު އުފެދިފައި އޮއްވާ އިޓްލޮސް އަށް އިމުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ. އެކަމަކު ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ދަ ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފަޔަށް ބުރަވެ އިޓްލޮސް އިން މައްސަލަ ކުރިއަށް ގެންދަން ނިންމައި، ކަނޑުގެ އިން ވަކިކުރި އެވެ.
ރައީސް މުއިއްޒު ފަހުން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނަވައިފަ އެވެ. އަދި އެކަމާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ވެސް ވަނީ ކަނޑާލައިފަ އެވެ.
ރައީސް ފަހުން ވަނީ ދޫކޮށްލި ކަނޑުގެ ބައި ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަލުން ކަނޑައަޅުއްވައިފަ އެވެ.