ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށާއި އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނުކުންނަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާއިރު އެ ޕާޓީގެ ތެރޭގައި ވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.

މިރޭގެ ބައްދަލުވުމުގައި ބަހުސް ކުރަން ހަމަޖެހިފައިވާ ގަރާރު ހުށަހަޅުއްވާފައިވަނީ  ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ. 

ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ. އެގޮތުން ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލަން ހިމަނާފައިވެ އެވެ. 

އޭގެ އިތުރުން: 

- ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިއަށް މަޝްރޫއު އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރަން. 

- މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ހިޔާރުކުރާ ގޮތަކަށް އަމަލު ކުރަން. 

- މަޝްރޫއާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީވުމަށް.

- އެމްޑީޕީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް. 

- އީގަލް ހިލްސްއާ އެކު އޮތް މުއާމަލާތުގެ ނުރައްކާތަކާ މެދު ޕާޓީ އިސްވެ އޮވެ ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން.

- އެކަންކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ޕާޓީ އިސްވެ އޮވެ ސީދާ ހަރަކާތަށް ނުކުތުމަށް. 

- އެމްޑީޕީން ހިންގާ ހަރަކާތްތަކާ ގުޅުމަށް އެދޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މަސައްކަތް ކުރުމަށް. 

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ގަރާރާ މެދު ބަހުސް ކުރަން ތައްޔާރުވަމުންދާއިރު، ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވާކަން ފާޅުކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައިފަ އެވެ. 

ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީން ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށި، ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން ކަމަށާއި އެއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން ކަމަށެވެ. 

ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައިވަނިކޮށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މެންބަރުން އެދެން ފެށުމުން ޗެއާޕާސަން ނަޝީދު ވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. 

އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމާއި އެގޮތުގައި ކުރިއަށްދާން ނަޝީދު އެދިވަޑައިގެންފައިވެ އެވެ. އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އިންޒާރު ވެސް ދެއްވި އެވެ. 

ނަޝީދުގެ މި މެސެޖާ ގުޅިގެން ބައެެއް ބޭފުޅުން ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއުއަށް ދީލައިގެން އެމްޑީޕީ އޮވެގެން ނުވާނެ އެވެ. އަދި އެކަމާ ދެކޮޅު ހަދަން އެމްޑީޕީން މަސައްކަތް ކުރަން ޖެހޭނެ އެވެ. 

ގަރާރުގެ ބަހުސް ބޯމަތިވެފައި އޮއްވައި، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވިދާޅުވީ އެކުވެރި ގައުމުތަކާއި މާންވީ ތަރައްގީގެ ބައިވެރިން ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ދެމުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި އެ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަކީ ޕާޓީ ސިޔާސަތަށް ވުރެ މަތީގައި ބާއްވަންޖެހޭ ގުޅުންތަކެއް ކަމަށެވެ.