ދައުލަތުގެ އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަންޖެހޭ ޓެކުހުން، އެ ފައިސާ ކެނޑޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް އެކަން ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ۔
މި އިންތިޒާމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ނުދައްކާ ހުރި ބިލްތަކަށް ހާއްސަ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން:
އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑުވާނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ފައިސާ އަޅައިކެނޑުމަށްފަހު، ބާކީ އަދަދު ޓެކްސްގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ.
- މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާއަށް ވުރެ ކުޑަވާނަމަ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށްފަހު، ބާކީވާ އަދަދު ސަރުކާރުން އެ ފަރާތަށް ދައްކާނެ.
މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ތަފްސީލާއެކު އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވެގެން ދާއިރު ވެސް އެ ކުންފުނިތަކުން މީރާއަށް ޓެކްސްތައް ދައްކަން ޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރައީސް އެ ގޮތަށް ނިންމެވީ، ސަރުކާރުގެ ޕްރޮޖެކްޓްތަކުން ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވާ އިރު މީރާއަށް ދައްކަން ޖެހޭ ފައިސާ ހޯދަން އެ އޮތޯރިޓީން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ކުރުމުންނެވެ.