ވިލާ ކޮލެޖުން އަލަށް ބެޗެލާސް ޕްރޮގްރާމަކާއި ތިން
މާސްޓާސް ޕްރޮގްރާމް ތައާރަފްކޮށްފި އެވެ. 

އެ ކޮލެޖުން އަލަށް ތައާރަފްކުރި ޕްރޮގްރާމްތަކަކީ:

- އެޑިއުކޭޝަން ދާއިރާއިން ބެޗެލާ އޮފް ޓީޗިން އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް

- އިންޖިނައިރިން ދާއިރާއިން މާސްޓާ އޮފް އިންޖިނިއަރިން މެނޭޖްމަންޓް

- ސައިކޮލަޖީ ދާއިރާއިން މާސްޓާ އޮފް ސައިންސް އިން ހެލްތު ސައިކޮލޮޖީ

- ސައިކޮލަޖީ ދާއިރާއިން މާސްޓާ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ

މި ޕްރޮގްރާމްތައް ވަނީ ދާއިރާގެ އަމަލީ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ތިއަރީގެ އިތުރުން ޕްރެކްޓިކަމް، ފީލްޑް
ވިޒިޓް އަދި ކެޕްސްޓޯން ޕްރޮޖެކްޓް ފަދަ އަމަލީ ތަޖުރިބާތައް ލިބޭނެ ފުރުސަތުތަކާއި އެކު ބައްޓަންކޮށްފަ އެވެ.

އަލަށް ތައާރަފްކުރި ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، އެސޯސިއޭޓް ޕްރޮފެސާ ޑރ. އަލީ ނަޖީބު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގައި
ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހިންނަށް ފުޅާކޮށްދިނުމަށް
ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ތަރައްގީވަމުން އަންނަ ދާއިރާތަކުން ވަޒީފާއަށް ތައްޔާރު ޕްރޮފެޝަނަލުން ބިނާކުރުމުގެ ގޮތުން ތައާރަފްކުރި ޕްރޮގުރާމުތަކެއް ކަމަށް ވިދާޅުވި އެވެ. 

ޕްރޮގްރާމުތަކުގެ ތަފްސީލުތައް

ބެޗެލާ އޮފް ޓީޗިން އިން ބިޒްނަސް އެންޑް ޓްރެވަލް
އެންޑް ޓޫރިޒަމް

މި ޕްރޮގްރާމަކީ، ސާނަވީ އަދި މަތީ ސާނަވީ ސްކޫލުތަކުގައި ބިޒްނަސް ސްޓަޑީޒް އަދި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދޭނެ ޓީޗަރުން ތައްޔާރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބިޒްނަސް އާއި ޓޫރިޒަމް މެނޭޖްމަންޓްގެ ކޮންސެޕްޓްތަކުގެ އިތުރުން، މި މާއްދާތައް ކިޔަވައިދިނުމުގެ ފަންނީ ހުނަރު (ޕެޑަގޮޖީ) ވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ. 

މި ޕްރޮގްރާމްގައި ކިޔަވައިދިނުމުގައި ކޭސް
ސްޓަޑީ، ބިޒްނަސް ސިމިއުލޭޝަން، ވާޗުއަލް ޓުއާ އަދި ހޮސްޕިޓަލިޓީގެ އަމަލީ
ތަމްރީނު ބޭނުން ކުރާނެ އެވެ. އަދި ބިޒްނަސް ސޮފްޓްވެއާ، ޓޫރިޒަމް މެނޭޖްމަންޓް
ސިސްޓަމްތަކާއި ބުކިން ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ތަޖުރިބާ ވެސް
ދަރިވަރުންނަށް ލިބޭނެ އެވެ.

މި ޕްރޮގްރާމުގައި ފީލްޑް ވިޒިޓް، ގެސްޓް ލެކްޗާ އަދި އިންޑަސްޓްރީއާ
ގުޅިގެން ކުރާ މަސައްކަތްތައް ވެސް މި ޕްރޮގްރާމްގައި ހިމެނެ އެވެ. އަދި ކޮންމެ ދަރިވަރެއްގެ ބޭނުންތަކަށް ރިއާޔަތްކުރާ އިންކްލޫސިވް ކްލާސްރޫމްތައް
ހިންގުމާއި، ކިޔަވައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކުރުމުގެ
ހުނަރު ވެސް މި ޕްރޮގްރާމުން ލިބޭނެ އެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ
އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން، އަބްދުއްސައްތާރު ގާސިމް ވިދާޅުވީ މި ޕްރޮގްރާމްގައި ހިމެނޭ ޓީޗިން ޕްރެކްޓިކަމްތަކުގެ ސަބަބުން، ދަސްވެނިވުމުގެ ކުރިން ވެސް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. މިއީ ތިން އަހަރުގެ ޕްރޮގުރާމެކެވެ. 

މާސްޓާ އޮފް އިންޖިނިއަރިން މެނޭޖްމަންޓް

އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ، ލީޑާޝިޕާއި
މެނޭޖްމަންޓްގެ މަގާމުތަކަށް އިންޖިނިއަރުން ތައްޔާރުކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި ޕްރޮޖެކްޓް އަދި ރިސްކް މެނޭޖްމަންޓް، އައިއާރް
(އިންޑަސްޓްރީ 4.0) ޓެކްނޮލޮޖީ، އެގްޒެކެޓިވުންނަށް ބޭނުންވާ އެކައުންޓިން އަދި
ފައިނޭންސް، އެނާޖީ މެނޭޖްމަންޓް، ސަސްޓެއިނަބިލިޓީ އިންޖިނިއަރިން އަދި
ސްޓްރެޓީޖިކް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެ އެވެ. އަދި
އިނޮވޭޝަނާއި އެންޓްރަޕްރެނިއާޝިޕާއި ޕްރޮފެޝަނަލް އެތިކްސް ވެސް
އެ ޕްރޮގްރާމުގައި ކިޔަވައިދެ އެވެ. 

މި ޕްރޮގުރާމުގައި ކިޔަވައިދިނުމުގައި ބޭނުންކުރާނީ ޕްރޮބްލެމް-ބޭސްޑް ލާނިން އާއި އިންޑަސްޓްރީގެ އަސްލު މިސާލުތަކެވެ.

މި ޕްރޮގްރާމުގެ މުހިންމުކަން
ފާހަގަކުރައްވައި، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް
ޓެކްނޮލޮޖީ އަދި ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އޮފް ސްކޫލް، އުދުމާ އަބްދުލްލަތީފް ވިދާޅުވީ މި ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ، ކެޕްސްޓޯން ޕްރޮޖެކްޓް
މެދުވެރިކޮށް، އިންޖިނިއަރިން ދާއިރާގައި ކުރިމަތިވާ މައްސަލަތަކަށް ހައްލު
ހޯދުމުގެ ތަޖުރިބާ ވެސް ދަރިވަރުންނަށް ލިބޭނެ ޕްރޮގުރާމެއް ކަމަށެވެ. 

މިއީ އެއް އަހަރު ދުވަހުގެ ޕްރޮގުރާމެކެވެ. 

މާސްޓާ އޮފް ސައިންސް އިން ހެލްތު ސައިކޮލޮޖީ

މި ޕްރޮގްރާމަކީ، ކްރޮނިކް
ބަލިތަކާއި ރިކަވަރީ މެނޭޖްކުރުމަށް ބަލިމީހުންނަށް ސަޕޯޓް ދީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ޕްރޮފެޝަނަލުން ތަމްރީނުކުރާ
ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި ބަޔޮލޮޖިކަލް، ސައިކޮލޮޖިކަލް އަދި ސޯޝަލް ސަބަބުތަކުން ހަށިގަނޑުގެ
ދުޅަހެޔޮކަމަށް ކުރާ އަސަރާއި، އެ އަސަރުތަކުން ރައްކާތެރިވެވޭނެ ގޮތްތައް
ދަރިވަރުން ދަސްކުރާނެ އެވެ.

ސައިކޮލޮޖީ އޮފް އިލްނެސަސް، ސައިކޮލޮޖިކަލް ޓެސްޓިން އެންޑް އެސެސްމަންޓް އަދި ޖެރިއެޓްރިކް ކައުންސެލިން ފަދަ މާއްދާތައް މި
ޕްރޮގްރާމުގައި ހިމެނެ އެވެ.

މީގެ އިތުރުން، ކްރޮނިކް
ބަލިތަކާއެކު ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބަލިމީހުން ބަލަހައްޓާ
ފަރާތްތަކަށް އެހީތެރިވެދެވޭނެ ގޮތްތައް ވެސް ކިޔަވައިދޭނެ އެވެ. މި ޕްރޮގްރާމުން
ދަސްވެނިވާ ދަރިވަރުންނަށް، ކްލިނިކަލް ކޭސް މެނޭޖާ، މެންޓަލް ހެލްތު އެޑިއުކޭޓާ އަދި ޕަބްލިކް ހެލްތު އޮފިސާ ފަދަ މަގާމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު
ފަހިވެގެންދާނެ އެވެ. މިއީ ދެ އަހަރުގެ ކޯހެކެވެ. 

މާސްޓަ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ 

މި ޕްރޮގްރާމަކީ،
ސައިކޮލޮޖީ އާއި ޖަސްޓިސް ސިސްޓަމާއި ބެހޭ އެވިޑެންސް-ބޭސްޑް އިލްމު ދަރިވަރުންނަށް
ލިބިދީ، ކްރިމިނަލް ބިހޭވިއާ ދެނެގަތުމާއި ކުށްވެރިން ބެލެހެއްޓުމުގެ ހުނަރު
ދަސްކޮށްދޭ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމުގައި ޝަރީއަތުގެ މަރުހަލާތަކުގައި ފަންނީ ލަފާ ދިނުމާއި،
ކުށްތަކުގެ ތަހުގީގުތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޖަލުގައި
ތިބި މީހުންގެ ބިހޭވިއާ އެސެސްކޮށް، ޕެރޯލް ދިނުމާއި، ރިލީޒްކުރުމާއި، ބަންދުގައި
ބެހެއްޓުމާ ގުޅޭ ނިންމުންތަކަށް ލަފާ ދިނުމުގެ ހުނަރު ވެސް މި ޕްރޮގްރާމުން
ލިބިގެންދާނެ އެވެ. އަދި ކްރައިމް ސީނުން ލިބޭ ހެކި އެނަލައިޒްކުރުމާއި،
ތުހުމަތުކުރެވޭ މީހުންގެ ކުރީގެ ރެކޯޑުތައް ދިރާސާކުރުމަށް ވެސް ދަރިވަރުން
ތަމްރީނުކުރެވޭނެ އެވެ.

މި ޕްރޮގްރާމުގައި ފޮރެންސިކް ޗައިލްޑް ސައިކޮލޮޖީ، ސައިކޮލޮޖީ އެންޑް ލޯ،
ކްރިމިނަލް ސައިކޮލޮޖީ އަދި ބިހޭވިއަރަލް އެނަލިސިސް އެންޑް އިންވެސްޓިގޭޓިވް
ޓެކްނިކްސް ފަދަ މާއްދާތައް ހިމެނެ އެވެ.

މި ޕްރޮގްރާމުން ދަސްވެނިވާ
ދަރިވަރުންނަށް، ސިއްހީ ދާއިރާ އާއި ޝަރުއީ ދާއިރާ، ކަރެކްޝަނަލް ސާވިސާއި،
ފުލުހުންގެ އަދި ސިފައިންގެ ހިދުމަތުގައި މަސައްކަތްކުރުމުގެ ފުރުސަތު
ފަހިވެގެންދާނެ އެވެ. އަދި މި ދާއިރާގައި ކިޔަވައިދިނުމާއި ރިސާޗުގެ މަސައްކަތުގައި
ވެސް ބައިވެރިވެވޭނެ އެވެ.

ވިލާ ކޮލެޖުން އަލަށް ތައާރަފް ކުރި ސައިކޮލަޖީ ޕްރޮގްރާމުތަކާއި ގުޅޭ ގޮތުން ހެޑް އޮފް ސްކޫލް
އަދި ވީކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަރުގެ ޑިރެކްޓާ،
އެސިސްޓަންޓް ޕްރޮފެސާ ޑރ. އާއިޝަތު ނަޝީދާ ވިދާޅުވީ ގާބިލު ސައިކޮލަޖިސްޓަކަށްވުމަށް އަމަލީ ތަޖުރިބާ މުހިންމުކަމަށާއި މި ދެ
ޕްރޮގްރާމުގައި ވެސް ތިން ޕްރެކްޓިކަމް ހިމަނާފައިވާ ކަމަށެވެ. 

މި ކޮލެޖުން އަލަށް ތައާރަފް ކުރި ޕްރޮގުރާމުތަކާއި ގުޅޭ އިތުރު މައުލޫމާތުތައް އެކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ. 

އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި އަލަށް ތައާރަފްކުރި ޕްރޮގުރާމުތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.