އައިކެއަރ ހޮސްޕިޓަލުން
އައިރިސް އާ ގުޅިގެން، އާޓިފިޝަލް އިންޓެލިޖެންސް
ބޭނުންކޮށްގެން ލޮލުގެ ރެޓީނާ ސްކްރީން ކުރާ ހިދުމަތް
ތައާރަފްކޮށްފި އެވެ. 

މި ހިދުމަތް އިފްތިތާހު ކުރީ މިހާރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މޯލްޑިވްސް ހެލްތް އެންޑް ފެމިލީ އެކްސްޕޯގަ އެވެ.

މި ހިދުމަތް ރަސްމީކޮށް
އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަހްމަދު ހަމްދޫން ނާސިރު އާއި އައިކެއާގެ މެނޭޖިން ޑިރެކްޓާ ޑރ. އަބްދުﷲ
ޒާހިރު އެވެ. މި ހިދުމަތާއެކު އައިކެއާގެ ސްކްރީނިން ހިދުމަތްތަކަށް އޭއައި ތައާރަފްވެ،
ލޮލުގެ ބަލިތަކުގެ އަލާމާތްތައް ކުރިއާލާ ދެނެގަނެ، އިތުރު ތަހުލީލުތަކާއި ފަރުވާ ބޭނުންވާ
ފަރާތްތައް އަވަހަށް ދެނެގަތުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

ސްކްރީން ކުރުމުގެ ތެރޭގައި،
ހާއްސަ ކެމެރާއެއް ބޭނުންކޮށްގެން ލޮލުގެ ފަހަތުގައިވާ ފަންތީގެ ފޮޓޯ ނެގުމަށްފަހު،
އައިރިސްގެ 'ސެލީނާ +' އޭއައި ސިސްޓަމް މެދުވެރިކޮށް
އެ ފޮޓޯތައް ތަހުލީލުކުރާނެ އެވެ. އޭގެ އެހީގައި ހަކުރުބަލީގެ ސަބަބުން ލޮލަށް ދިމާވާ
މައްސަލަތަކާއި، ގްލޮކޯމާ އަދި އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތައް
ދެނެގަނެވޭނެ އެވެ. އެ ސިސްޓަމުން ތައްޔާރުކުރާ ރިޕޯޓުގެ އެހީގައި، ވަރަށް ކުޑަވަގުތުކޮޅެއްގެ
ތެރޭގައި ލޮލަށް ދިމާވެފައިވާ މިފަދަ މައްސަލަތައް ދެނެގަނެ އިތުރު ފަރުވާ ބޭނުންވާ
ފަރާތްތަކުން، ލަސްނުކޮށް ފަރުވާ ހޯދަންޖެހޭކަން ކަށަވަރުވެގެންދާނެ އެވެ.

އޭއައި ޓެކްނޮލޮޖީއާއި
ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ އެކުލެވޭ މި ހިދުމަތުގެ ސަބަބުން، ލޮލުގެ ފަރުވާއާ
މެދު އަވަސް އަދި ސައްހަ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމަށް އައިކެއާއިން ބުންޏެވެ. އައިކެއާއިން ބުނީ އެ ހޮސްޕިޓަލުގެ މަގްސަދަކީ ލޯ ސްކްރީން ކުރުމުގެ ހިދުމަތް ވީހާވެސް ފަސޭހަކޮށްދީ، ލޮލުގެ ފެނުން ރައްކާތެރިކުރުމަށް
ގިނަ ބަޔަކު ހޭލުންތެރިކުރުވުން ކަމަށެވެ. 

މި ހިދުމަތް މާލޭގެ އޯކިޑްމަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ. 

މި ހިދުމަތް މާދަމާގެ ނިޔަލަށް ކުރިއަށް ދާ މޯލްޑިވްސް
ހެލްތް އެންޑް ފެމިލީ އެކްސްޕޯގެ އައިކެއާގެ ސްޓޯލުން ލިބެން ހުންނާނެ އެވެ. އެ އެކްސްޕޯ
ކުރިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު
8:00 އިން 11:00 އަށެވެ.