ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް މިއަދު ބިނދި އަރިއަޅާލައި، އެ ބޯޓުގެ ކްރޫއަކަށް އަނިޔާވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމުން ފުރަން ތައްޔާރުވެފައި އޮއްވައި ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށް ކަމަށް އެމްއޭސީއެލްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި އެވެ. އެކަމަކު ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވަނީ ފަށާފައި. ސީރިއަސް އަނިޔާއެއްވި ކަމަކަށް ނުބެލެވޭ،" ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކްރޫއާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަން ހިނގައިދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.
އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ހާދިސާ ހިނގި ގޮތް ބެލުމަށް ފަހު، ބަޔާނެއް ނެރޭނެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓަށް ކޮންމެވެސް ވަރަކަށް ލޮނު ވަދެފައި ވެ އެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ފަސިންޖަރުން އަރުވައިގެން ފުރަން ތައްޔާރުވެފައި އޮއްވަ އެވެ.