ފާރިސްގެ މައްޗަށް ވެސް ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު!
ފާރިސްގެ މައްޗަށް ވެސް ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް މިދިޔަ މަހުގެ 27 ގައި ނެގި ވޯޓާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ކޮށް، ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

މި ތުހުމަތުތަކުގައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ ވަނަ ފަހަރަށް ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ.

ފުލުސް އޮފީހުން ނުކުންނެވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ.

ފުލުހުން ސުވާލުކުރީ އޭނާ އަށް އެނގިވަޑައިނުގަންނަވާ މައްސަލައަކަށް ވުމުން ދައްކަވާނެ ވާހަކައެއް ނެތުމާ އެކު ހުންނެވީ ހަނު ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިސާ ދީގެންނާއި ބިރު ދައްކައިގެން ނޫން ގޮތަކަށް މެމްބަރުންގެ ތާއީދު ނުހޯދޭނެ ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެފަދަ ކަމެއް ނުކޮށް، މެމްބަރުންނާ ވާހަކަދައްކައި، ވިސްނައިދީގެން ފިކުރު އެއްގޮތް ކުރުވަން ކަމަށް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މެމްބަރުންނާ ވާހަކަ ދައްކައިގެން، ވިސްނުން ބަދަލު ކުރުމަކީ ގާނޫނުއަސާސީގައި ކުށެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ގާނޫނާ އެއްގޮތަށް ހިނގާ ތަހުގީގެއް ނޫނެވެ. އަދި އޭނާގެ މައްޗަށް ކުރާ ތުހުމަތު ސާބިތުކުރެވޭ ވަރުގެ އެއްވެސް މައުލޫމާތެއް ހުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ތަކުރާރުކޮށް އަޅުގަނޑު ފުލުސް ބޭފުޅުންނަށް ދެންނެވިން މިއީ ގާނޫނާ އެއްގޮތަށް ހިނގާ ތަހުގީގެއްކަން ސާބިތުކޮށްދޭން. އަދި އަޅުގަނޑާ މެދު ތުހުމަތެއް ބިނާކުރެވޭ ވަރުގެ މައުލޫމާތު ހުރި ނަމަ އެކަން ވެސް އަންގައިދޭން. އެކަމަކު މި ދެ ކަމުން ކުރެ އެއް ކަމެއް ވެސް އެ ބޭފުޅުން ނުކުރައްވާ،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދޮށީ ދަރިކަލުން ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އޭނާ އެއްސެވި ކަންތައްތަކަށް ފުލުހުން ޖަވާބު ދީފައި ނުވާތީ އާއި ތަހުގީގުކުރާ މައްސަލަ އޭނާއަށް އެނގިވަޑައިނުގަންނަވާތީ ދެއްވޭނެ މައުލޫމާތެއް ވެސް ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިިދިކޮޅު މެމްބަރުންނާ ދެކޮޅަށް މިހާރު އުފުލާ ދައުވާތަކާއި ތުހުމަތުތަކަކީ ސިޔާސީ ބިރުދެއްކުމެކެވެ. އެހެންވެ، އެކަންކަން ހުއްޓާލަން ގޮވާލެއްވި އެވެ.

ސަރުކާރާ ދެކޮޅު އިދިކޮޅު އިއްތިހާދުގައި މައުމޫންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތް ކުރައްވާ ފާރިސްގެ އެހެން މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާ އިރު، ގާސިމްގެ މައްޗަށް ތިން ދައުވާއެއްކޮށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް އެބަ ހިނގަ އެވެ.

މީގެ އިތުރުން އިދިކޮޅު އިއްތިހާދުގައި އިސްކޮށް މަސައްކަތް ކުރައްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ޝަރީއަތެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.