24 އެޕްރީލް 2017 - 12:36

ތެލް އަވީވް (އެޕްރީލް 24) - އިޒްރޭލުގެ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ފަލަސްތީނުގެ ގައިދީންނަށް ޖެއްސުމާއި މަލާމާތް ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގެ އޯފާ ޖަލުގެ ބޭރުގެ އިޒްރޭލުގެ ކަނާތު ފިޔައިގެ ޕާޓީއެއް ކަމަށްވާ އިޗޫދު ލިއެމި (ނޭޝަނަލް ޔޫނިއަން) އިން ބާބެކިއު އެއް ބާއްވައިފި އެވެ.
ކަނާތު ފިޔައިގެ ވިސްނުމުގެ އިޒްރޭލު މީހުން ވަނީ ޖަލު ބޭރުގައި މޭޒުތައް ބަހައްޓާ ތަފާތު ބާވަތްތަކުގެ އެއްގަމު މަސް ފިހެ، މަގުން ދިޔަ މީހުންނަށް ހިލޭ ބަހައިފަ އެވެ.
ފަލަސްތީނުގެ މަޝްހޫރު ލީޑަރެއް ކަމަށްވާ މަރުވާން ބަރުގޫސީ އިސްވެ ހުންނަވާ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ފަލަސްތީނުގެ ގައިދީން ޑިމާންޑް ކުރަމުން ދަނީ އެ މީހުންނަށް ރަނގަޅު ސިއްހީ ޚިދުމަތާއި އާއިލާއާ ފޯނުން ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.
ފަލަސްތީނުގެ ޕްރިޒަން އެފެއާޒްގެ ވެރިޔާ އިއްސާ ގަރާގު ވިދާޅުވީ މިދިޔަ ހޯމަ ދުވަހުން ފެށިގެން 1،300 މީހުން ހަޅުތާލު ކުރަމުންދާ ކަމަށެވެ. ފަލަސްތީނިއަން ޕްރިޒަނާސް ކްލަބުން ބުނީ 1،500 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށެވެ.
އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި ނަމަވެސް އެ މީހުންނާ މަޝްވަރާ ނުކުރާނެ ކަމަށް އިޒްރޭލުގެ ޕަބްލިކް ސާވިސް މިނިސްޓަރު ގިލާދު އެރްދާން ވަނީ ވިދާޅުވެފަ އެވެ.
ފަލަސްތީނުން ގަބޫލް ކުރަނީ އިޒްރޭލުގެ ޖަލުތަކުގައި ތިބީ އެ ގައުމުގެ ސިޔާސީ ގައިދީން ކަމަށެވެ. ގިނަ މީހުން ބަންދުކޮށްފައި ވަނީ އިޒްރޭލް މީހުންނަށް ހަމަލާ ދީގެންނެވެ. އަނެއް ބަޔަކު ތިބީ އިޒްރޭލުން ގެންގުޅޭ "އިދާރީ ބަންދު" ގަ އެވެ. އިދާރީ ބަންދުގެ ދަށުން އެއްވެސް ކުށެއް ނެތި ހަ މަސް ދުވަސް ވަންދެން ޖަލުގައި ގެންގުޅެވެ އެވެ. ހަ މަސް ހަވަމުމުން އަނެއްކާ ވެސް މުއްދަތު އިތުރު ކުރެ އެވެ.
ފަލަސްތީނުގެ ޕްރިޒަން ގްރޫޕްތަކުން ބުނީ މިދިޔަ އަހަރުގެ ނިޔަލަށް އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،000 ގައިދީން ތިބި ކަމަށެވެ. މީގެ ތެރޭގައި 62 އަންހެނުންނާއި 300 ކުޑަ ކުދިން ހިމެނޭ ކަމަށްވެ އެވެ. އަދި 500 މީހުންނަކީ އިދާރީ ބަންދުގައި ތިބި މީހުންނެވެ.