އިބްރަހިމޮވިޗުގެ ކުރިމަގާ މެދު ނުވިސްނަން: މޮރީނިއޯ
އިބްރަހިމޮވިޗުގެ ކުރިމަގާ މެދު ނުވިސްނަން: މޮރީނިއޯ

މެންޗެސްޓާ (އޭޕްރިލް 27) – ޒަލަޓާން އިބްރަހިމޮވިޗުގެ ކުރިމަގާ މެދު ގޮތެއް ނިންމުމަށް ވުރެ އޭނާގެ ފިޓްނަސް މުހިއްމު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެންޑަލެކްޓާ ދެކޮޅަށް ކުޅެނިކޮށް އިބްރަހިމޮވިޗުގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މި އަހަރުގެ ނިޔަލަށް ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.

މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު ޔުނައިޓެޑުން ބޭނުންވީ އިތުރު ސީޒަނަކަށް އޭނާ ލައްވައި މަޑުކުރުވާށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އިބްރަހިމޮވިޗް ބޭނުންވީ މި ސީޒަނަށް ފަހު އެމެރިކާ ލީގަށް ބަދަލުވާށެވެ. ފަހަރުގައި ސީޒަން ނުނިމެނީސް ކުޅުމާ ދުރަށް ދާން ޖެހުމުން އިބްރަހިމޮވިޗް ޔުނައިޓެޑުގައި މަޑުކުރަން ވެސް ނިންމަފާނެ އެވެ. ނުވަތަ އަންނަ އަހަރު އެމެރިކާ ސީޒަން ފަށާއިރަށް ފިޓްވާނެތީ، އެމެރިކާ ލީގާ ވެސް ގުޅިދާނެ އެވެ.

މޮރީނިއޯ ބުނީ ބޮޑު އޮޕަރޭޝަނަކަށް ފަހު އިބްރަހިމޮވިޗް ރިކަވަރީގައި ގިނަ ދުވަސްތަކެއް ހޭދަކުރާނެ ކަމަށެވެ.

"އެހާ މުހިއްމު އޮޕަރޭޝަނެއް ކުރިއަށް އޮއްވާ، ކުރިއަށް ވާނެ ގޮތަކާ މެދު ވާހަކަ ދެއްކުމަކީ ބޭކާރުކަމެއް،" މޮރީނިއޯ ބުންޏެވެ.

އިބްރަހިމޮވިޗުގެ ކުރިމަގާ މެދު ސުވާލުކުރުމުން މޮރީނިއޯ ބުނީ އޭނާ އޭނާ އަށް ނޭގޭ ކަމަށާއި އޭނާ އަށް އެނގެން ވެސް ބޭނުންނުވާ ކަމަށައި އެކަމަށް ޝައުގުވެރިކަމެއް ވެސް ނެތް ކަމަށެވެ.

"އަހަރެން ބޭނުންވަނީ އެ އުނދަގޫ އޮޕަރޭޝަން ކާމިޔާބުވުން، އަދި އިންޖަރީން ރިކަވާވެ އޭނާ ކުރިއަށް އަޅާނެ ފިޔަވަޅަކަށް ތައްޔާރުވުން،" މޮރީނިއޯ ބުންޏެވެ.

އުމުރުން 35 އަހަރުގައި ކުރިމަތިވި މި ސީރިއަސް އަނިޔާއާ ގުޅިގެން އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލަފާނެ ކަމަށް ވެސް ބެލެވުނެވެ. އެކަމަކު އޭނާ ބުނީ ހުއްޓާލަން ވުމުން އެކަން ނިންމާނީ އޭނާ ކަމަށާއި އުއްމީދު ކަނޑާލުމަކީ އޭނާ ކުރާނެ ކަމެއް ނޫން ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ އެންމެ ފޯމުގައި ހުރި ފޯވާޑަށް އަނިޔާވުމަކީ ޔުރޮޕާ ލީގު ހޯދަން ޔުނައިޓެޑް ހޯދަން ކުރާ މަސައްކަތަށް އެޅޭ ހުރަހެކެވެ. ޔުނައިޓެޑުން ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ. ގަދަ ހަތަރެއްގެ ޖާގަ ހޯދަން ދެ ޓީމު ވެސް މޮޅުވުން މުހިއްމު މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.