27 އެޕްރީލް 2017 - 11:54

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ވިނޯދް ކަންނާ، އުމުރުން 70 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ވިނޯދް މަރުވީ ބަލިވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ. އޭނާގެ ބައްޔާ ބެހޭ ގޮތުން އާއިލާއިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވިނޯދް ފަރުވާ ހޯދަމުން އައީ ކެންސަރަށެވެ.
ފިލްމީ މަސައްކަތްތަކަށް ފަހު ވިނޯދް ވަނީ ސިޔާސީ މައިދާނަށް ނިކުމެފަ އެވެ. މަރުވި އިރު އޭނާ އަކީ ގުރްދަސްޕޫރްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.
ވިނޯދުގެ ފިލްމީ ކެރިއަރުގައި ހޭދަކުރި 49 ވަރަކަށް އަހަރުގެ ތެރޭގައި 141 ފިލްމެއްގައި ބައިވެރި ވެފައިވެ އެވެ. އަދި 1999 ވަނަ އަހަރު ފިލްމްފެއާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އޭނާއަށް ލިބުނެވެ.
ވިނޯދް ކަންނާ އެންމެ ފަހުން ހިންދީ ފިލްމަކުން ފެނިފައިވަނީ 2015 ގައި ނުކުތް "ދިލްވާލޭ" އިން ޝާހްރުކް ޚާން، ކާޖޮލް، ވަރުން ދަވަން އަދި ކްރީތީ ސަނޮން އާއެކުގަ އެވެ. އޭނާ މިހާރު ކުޅޭ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ގުލްބަހާރު ސިންގް ގެ "އޭކް ތީ ރާނީ އޭސީ ބީ" އެވެ. މި ފިލްމުގައި ވިނޯދް އާއެކު ހެމާ މާލިނީ ބައިވެރިވެ އެވެ.