28 އެޕްރީލް 2017 - 10:05

އެއްވެސް ފުޓްބޯޅަ ޓީމަކަށް އެއް ކުޅުންތެރިއަކަށް ބަރޯސާ ވެގެން ކުރިއަށް ނުދެވޭނެ ކަމަށާއި މަސައްކަތްކުރަން ޖެހޭނީ އެކުގައި ޓީމެއްގެ ގޮތުގައި ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނެފި އެވެ.

މާލޭ ލީގުގެ އެއް ވަނައިގައި އޮތް ނިއު މިރޭ ކުޅޭނީ ލީގުގެ ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ނިއު އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ގްރީން ސްޓްރީޓްސްގެ އޮތީ 10 ޕޮއިންޓެވެ.
މި ފަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ގްރީން ސްޓްރީޓްސް މިހާތަނަށް ކުޅުނު މެޗުތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެއް ފަސޭހަކޮށްލެވެން ނެތްކަން ނިއުގެ ކޯޗު ޓަވަރޭސް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެން ދެކޭ ގޮތުގައި ގްރީން ސްޓްރީޓްސް އަކީ ވަރަށް މޮޅަށް ކުޅޭ ޓީމެއް. އެޓޭކުގައި ވެސް ވަރަށް މޮޅަށް ކުޅޭ ޓީމެއް. ގްރީން ސްޓްރީޓްސް ބަލިކުރެވޭނީ ދަނޑުމަތީގައި ނިއު އިން ބޮޑު ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް މޮޅަށް ކުޅެގެން ހަމައެކަނި މޮޅުވާހަކަ ދައްކައިގެން ވާނެ ކަމެއް ނޫން މިއީ،" ޓަވަރޭސް ބުންޏެވެ. "ވަކި ކުޅުންތެރިއަކަށް ބަރޯސާވެގެން މޮޅު ޓީމެއް ބިނާނުކުރެވޭނެ ކަމަށާއި ހުރިހާ ކުޅުންތެރިންނަކީ ވެސް މުހިއްމު ކުޅުންތެރިން."
ގްރީން ސްޓްރީޓްސް އަކީ ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ އިތުރުން ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ވެސް ހިމެނޭ ޓީމެއް ކަމަށާއި މޮޅުވާން އެ ޓީމުންލާ ހިތްވަރު ޓަވަރޭސް ވަނީ ފާހަގަކޮށްފަ އެވެ.
"ގްރީން ސްޓްރީޓްސްާ ދެކޮޅަށް ޕްރީ ސީޒަނުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. އެ ދުވަހު ވެސް ގްރީން ސްޓްރީޓްސްގެ ފެންވަރު އަހަންނަށް ފެނުނު. ގްރީން ސްޓްރީޓްސް ކުޅުނު މެޗުތައް އަހަރެން ބެލިން މާޒިޔާ މެޗުން އެ ޓީމު ބަލިވި ނަމަވެސް ރަނގަޅު ކުޅުމެއް އެ ޓީމުން ދެއްކި،" ޓަވަރޭސް ބުންޏެވެ.
ނިއުގެ އެޓޭކުގައި މި ސީޒަނުގައި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް ފަސް ލަނޑު ޖަހައިފަ އެވެ. ލީގުގައި އެންމެ ފަހުން ޓީސީ އަތުން މޮޅުވި މެޗުގައި ގަލާޑޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ގަލާޑޯ ކުޅުވުމާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނުމަށް ފަހު ކަމަށް ޓަވަރޭސް ވަނީ ބުނެފަ އެވެ.
"ފިފްޓީ ފިފްޓީ ގެ ފުރުސަތެއް އޮތީ ގަލާޑޯ އަށް ކުޅެވުމުގެ. ގަލާޑޯ އަކީ މުހިއްމު ކުޅުންތެރިއެއް. އެކަމަކު މި މެޗުތަކުގައި އޭނާ އެއްކޮށް ރިކަވާނުވެ ހުއްޓައި ކުޅުވައިގެން އޭނާގެ އަނިޔާ އިތުރަށް ގޯސްކުރާކަށެއް އަހަރެން ނެތިން. ގަލާޑޯ ބޭނުންކުރާނަމަ އެކަން ކުރާނީ ވަރަށް ވިސްނުމަށް ފަހު،" ޓަވަރޭސް ބުންޏެވެ. "ވަކި ކުޅުންތެރިއަކަށް ބަރޯސާވެގެން މޮޅު ޓީމެއް ބިނާނުކުރެވޭނެ ކަމަށާއި ހުރިހާ ކުޅުންތެރިންނަކީ ވެސް މުހިއްމު ކުޅުންތެރިން.
އޭނާ ބުނީ ގަލާޑޯ އަށް ނުކުޅެވިއްޖެނަމަ އެއީ އެހެން ކުޅުންތެރިއަކަށް ފެންވަރު ސާބިތުކޮށްދޭން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މިިދިޔަ ސީޒަނުގައި ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަން ބޫޓު ހޯދި ސެންޓޭ އަށް މި ސީޒަނުގައި އަދި ގިނަ ލަނޑުތަކެއް ނުޖެހުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ޓަވަރޭސް ވަނީ ބުނެފަ އެވެ.
"ސެންޓޭ އަށް މި ވަގުތު މާ ގިނަ ލަނޑުތަކެއް ނުޖެހުނު ނަމަވެސް ލަނޑު ޖެހޭ ދުވަސްތައް އަންނާނެ. ސެންޓޭ އަށް ލަނޑު ނުޖެހުމަކީ އަހަރެމެންނަށް ލިބޭ އުނިކަމެއްކަމަށް އަދި ނުދެކެން އެއީ އޭގެ ބަދަލުގައި ޓީމު މޮޅުކޮށްދޭން ސެންޓޭ އެކޮށްދޭ މަސައްކަތް ފެނޭ. އެހެން ކުޅުންތެރިންނަށް ފަހިކޮށްދޭ ފުރުސަތުތައް އެބަފެނޭ،" ޓަވަރޭސް ބުންޏެވެ.
ޓަވަރޭސް ވަނީ އެފްއޭއެމުން ޝެޑިއުލަށް ގެންނަ ބަދަލުތަކާ އެކު ކުރިއަށްދާން ދަތިތަކެއް އެބަހުރި ކަމަށާއި އެ ކަންތައްތަކަށް ހައްލެއް ހޯދައިގެން ނޫނީ ކުރިއަށްދާން އުނދަގޫވެފައިވާ ކަމަށް ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އާއި ނިއު ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.