29 އެޕްރީލް 2017 - 19:36

ދާރުއްސަލާމް (އެޕްރީލް 29) - ފޭކް ސެޓްފިކްޓް ހުށަހަޅައިގެން ސިވިލް ސާވިސްގެ ވަޒީފާތަކަށް ވަދެފައިވާ 10،000 އަށް ވުރެ ގިނަ މީހުން ޓެންޒޭނިއާގެ ރައީސް ޖޯން މަގުފުލީ ވަޒީފާ އިން ވަކިކޮށްފި އެވެ.
ޓެންޒޭނިއާ ސަރުކާރުން ވަނީ ވަގު ސެޓްފިކެޓް ބޭނުންކޮށްގެން ވަޒީފާ އަށް ވަދެފައިވާ މީހުންނާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ތިމާގެ މީހުންގެ ސެޓްފިކެޓް ހުށަހަޅައިގެން ވެސް ބައެއް މީހުން ސިވިލް ސާވިސް އިން ވަޒީފާ ހޯދާފައިވާ ކަމަށެވެ.
ރައީސް މަގުފުލީ ވިދާޅުވީ ވަގު ސެޓްފިކެޓުގައި ވަޒީފާ ހޯދާފައިވާ މީހުން އަމިއްލަ އަށް ވަޒީފާ އިން ވަކިވުމަށް އަންނަ މަހުގެ 15 އާ ފުރުސަތު ދީފައިވާ ކަމަށާއި އޭގެ ފަހުން އެފަދަ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ވަގު ސެޓްފިކެޓުގައި ވަޒީފާ ހޯދާފައިވާ މީހުން އެވަނީ އެހެން މުޖްރިމުން ކުށް ކުރާ ފަދައިން ސަރުކާރުން ވައްކަން ކޮށްފައި،" މަގުފުލީ ވިދާޅުވި އެވެ. "ވަޒީފާތައް އުފައްދަން ބުރަކޮށް މަސައްކަތް ކުރާ އިރު ސަރުކާރުގައި މި ތިބެނީ ފޭކް ޑިގްރީ ހޯދައިގެން ވަދެ ތިބި މީހުން."
ފޭކް ސެޓްފިކެޓުގައި ޓެންޒޭނިއާގެ ސަރުކާރުގެ ވަޒީފާތަކަށް ވަދެފައިވާ 9،932 މީހުންނަކީ އެ ގައުމުގެ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މީހުންގެ ދެ ޕަސެންޓެވެ. ޓެންޒޭނިއާގައި ސިވިލް ސާވަންޓުގެ ގޮތުގައި ގާތްގަނޑަކަށް 450،000 މީހުން މަސައްކަތް ކުރެ އެވެ.
ވަޒީފާ އަށް ނުނިކުމެ މުސާރަ ނަގަމުންދިޔަ 10،000 މީހުން ޓެންޒޭނިއާ އިން މިދިޔަ އަހަރު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. ވުޖުދޫގައި ވެސް ނެތް ބަޔަކު މުސާރަ ނަގަމުން ދިއުމުގެ ސަބަބުން ޓެންޒޭނިއާ ސަރުކާރަށް މަހަކު ވަނީ ދެ މިލިއަން ޑޮލަރު ގެއްލުންވެފަ އެވެ.