ފިލްމީ ތަރިންގެ ދަރިންނަށް އިސްކަމެއް ނުދެން: އެކްތާ ކަޕޫރު
ފިލްމީ ތަރިންގެ ދަރިންނަށް އިސްކަމެއް ނުދެން: އެކްތާ ކަޕޫރު

ބޮލީވުޑް ޕްރޮޑިއުސަރުން ފިލްމީ ތަރިންގެ ދަރިންނާއި އެހެން އެކްޓަރުންނާ ތަފާތުކުރާ ކަމަށް ބުނެ މިހާރަކަށް އައިސް ބައެއް ފިލްމީ ތަރިން ޝަކުވާކުރެ އެވެ. އެންމެ ފުރަތަމަ މި ޝަކުވާ ކޮށްފައިވަނީ ކަންގަނާ ރަނާވަތު އެވެ.

ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން"ގެ މި ފަހަރުގެ ސީޒަންގެ އެޕިސޯޑެއްގައި ބައިވެރިވެ ކަންގަނާ ވަނީ ކަރަން އަށް ވެސް މި ތުހުމަތުކޮށްފަ އެވެ.

ފިލްމީ ތަރިން ކުރާ މި ތުހުމަތުތަކުގެ ދިފާއުގައި ވާހަކަ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނި ގޮތުގައި ފިލްމީ ތަރިއެއްގެ ދަރިއަކު ލައްވާ މީހަކު ސޮއިކުރުވައިފި ނަމަ އެއީ ކޮންމެހެން އެމީހުންނަށް ޚާއްސަ ގޮތެއް ގެންގުޅޭތީ ކުރާ ކަމެއް ނޫނެވެ.

ޝްރައްދާ ކަޕޫރު ލައްވާ ދެ ފިލްމެއް ވަރަށް ގާތް ގާތުގައި ދެ ފިލްމެއް އެކްތާ ކުޅުވާފައި ވާތީ ބައެއް މީހުން އެކްތާ އަށް މިފަދަ ތުހުމަތުތައް ކުރެ އެވެ. ނަމަވެސް އެކްތާ ބުނީ ޝްރައްދާ ލައްވާ ފިލްމު ކުޅުވަނީ އޭނާ އަކީ ސްޓާރެއްގެ ދަރިއަކަށް ވާތީ ނޫން ކަމަށެވެ.

"ހިންދީ ފިލްމު އިންޑަސްޓްރީގައި އިކޮނޮމިކްސް ނޫން އެހެން ފޯމިއުލާއެއް ނެތް. އެއްވެސް މީހަކީ އަނެކަކުގެ އެކުވެރިއެއް ނޫން. އެއްވެސް މީހަކު އަނެކަކަށް އެހީތެރިވާކަށް ވެސް ބޭނުމެއް ނޫން. މި އިންޑަސްޓްރީގައި އުޅޭ އެންމެންނަކީ ވެސް ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް. ސްޓާރެއްގެ ދަރިއަކު ލައްވާ ފިލްމެއް ކުޅުވަން މީހަކު ސޮއިކޮށްފި ނަމަ އެއީ އެ މީހަކަށް އެހީތެރިވެދިނުމުގެ ގޮތުން ޕްރޮޑިއުސަރުން ކުރާ ކަމެއް ނޫން،" އެކްތާ ބުންޏެވެ.

ސްޓާރެއްގެ ދަރިއަކަސް އަދި އެހެން މީހަކަށް ވިޔަސް އެ މީހަކު ލައްވާ ފިލްމެއް ކުޅުވަން ސޮއިކުރުވާ އެންމެ މުހިއްމު ސަބަބަކީ އެއީ ވިއްކޭ ތަރިއަކަށް ވާތީ ކަމަށް އެކްތާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އެއްވެސް މީހެއްގެ މަގްބޫލުކަން ގެއްލި ފިލްމުތައް ނާކާމިޔާބުވާން ފަށާ ދުވަހަކުން އެމީހުން ލައްވާ ފިލްމު ކުޅުވާނެ މީހުން ނުވާނެ އެވެ.

އެކްތާ ބުނި ގޮތުގައި އެކުވެރިންނޭ ކިޔައިގެން އުޅޭ މީހުންނާއެކު ފިލްމީ ތަރިން އުޅެނިކޮށް ފެންނާނެ އެވެ. ނަމަވެސް އެކްޓަރެއްގެ ގޮތުގައި އޭނާ ނުވިކޭ ނަމަ އެއްވެސް މީހަކު އޭނާ ލައްވާ ފިލްމު ކުޅުވަން ސޮއެއް ނުކުރާނެ އެވެ.

ޝްރައްދާ 2014 ގައި ސޮއިކުރި "އޭކް ވިލަން" އަކީ އެކްތާ ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމު ވަރަށް ކާމިޔާބުވެ 100 ކްރޯޑު މާކް ފަހަނަޅާ ދިޔަ އެވެ. މިއީ "އާޝިގީ 2" ގައި ޑައިރެކްޓަރު މޯހިތު ސޫރީ އާއެކު މަސައްކަތް ކުރުމަށްފަހު ޝްރައްދާ ކުޅުނު މޯހިތު އުފައްދާ ދެ ވަނަ ފިލްމެވެ. މި ފިލްމުގެ ކާމިޔާބުން ޝްރައްދާ އަށް ބޮލީވުޑްގެ އެންމެ މަތީ ފަންތީގެ ބަތަލާއެއްގެ މަގާމު ލިބިގެން ދިޔަ އެވެ.

މިހާރު އަނެއްކާ ވެސް ޝްރައްދާ އާއި މޯހިތު ސޫރީ ގުޅިގެން އުފައްދާ "ހާފް ގާލްފްރެންޑް" ރިލީޒްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމަކީ ޗޭތަން ބަގަތު ލިޔެފައިވާ "ހާފް ގާލްފްރެންޑް" ވާހަކައިގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ އަރްޖުން ކަޕޫރެވެ.