01 މެއި 2017 - 15:47

އާސާމް (މެއި 1) - ކަތިލުމަށްޓަކައި ގެރި ވަގަށް ނަގަށް އުޅުނު ކަމަށް ބުނެ އިންޑިއާގެ އިރު އުތުރުގެ އާސާމް ސްޓޭޓުގައި ބަޔަކު މީހުން ހަމަލާދީ ދެ މުސްލިމަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"ދެ މުސްލިމުން ފަހާ ދުވެ އެ މީހުން އަތުލުމަށް ފަހު ދަނޑިބުރިތަކުން ތަޅާ މަރާލީ. އާސާމްގެ ނަގައޮން އަވަށުގެ މީހުން ބުނި ގޮތުގައި ދެ މުސްލިމުންނަށް ހަމަލާ ދިނީ އެ މީހުން ގެރި ވަގަށް ނަގަން އުޅުނު ކަމަށް ބަލާ،" ފުލުހުންގެ ސީނިއާ އޮފިޝަލަކު އޭއެފްޕީ އަށް ބުންޏެވެ. "ރޭގެ ވަގުތެއްގައި އެ ދެ މުސްލިމުން ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ މަރުވެފައި."
ފުލުހުން ބުނީ މުސްލިމް ދެ މީހުން މަރާލުމުގެ ތުހުމަތުގައި ސުވާލު ކުރުމަށް ދެ މީހަކު ހައްޔަރުކޮށްފައި ކަމަށެވެ. އަދި މީހަކު މެރުމުގެ މައްސަލައެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހިއުމަން ރައިޓްސް ވޮޗުން ބުނީ ގެރިކަތިލުމުގެ ތުހުމަތުގައި މެއި، 2015 ގެ ފަހުން އިންޑިއާގައި 10 މުސްލިމުންނަށް ވުރެ ގިނައިން މަރާފައިވާ ކަމަށެވެ. އަދި ހިންދޫންގެ ނޭޝަނަލިސްޓް ބާރަތިޔާ ޖަނަތާ ޕާޓީގެ ސަރުކާރު 2014 ގައި އުފެއްދި ފަހުން މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ގިނަ ހަމަލާތައް ދީފައި ވަނީ ގެރި ކަތިލަން އުޅުން ނުވަތަ ގެރި މަސް ކެއުމުގެ ތުހުމަތުގަ އެވެ. ގެރި އަކީ ހިންދޫން އަޅުކަންކުރާ، އެމީހުންގެ ގާތު މާތް ޖަނަވާރެކެވެ.
ގިނަ ސްޓޭޓްތަކުގައި މިހާރު ދަނީ ގެރި ކަތިލުން މަނާ ވެސް ކުރަމުންނެވެ. ގުޖްރާތު ސްޓޭޓުގައި ވަނީ ގެރި ކަތިލައިފި ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު ދިނުމަށް ގާނޫނެއް މާޗު މަހު ފާސްކޮށްފަ އެވެ.