04 މެއި 2017 - 06:08

އުފަންވިއިރު ބަނޑުން ބޮލެއް ނުކުމެފައި އިން ތުއްތު އަންހެން ކުއްޖެއްގެ ބޮޑު އޮޕަރޭޝަނެއް ކޮށް، އެ ކުއްޖާ ސަލާމަތްކޮށްފި އެވެ. ޖައިޕޫރުގެ ޖޭކޭ ލޯން ހޮސްޕިޓަލުގައި ކުރި ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ މި އޮޕަރޭޝަންގައި ޑޮކްޓަރުން ވަނީ ކުއްޖާގެ ބަނޑުން ނުކުމެފައި އިން އޭނާއާ އެއްމާބަނޑު ކުއްޖެއްގެ ބޮލުގެ ބައި ވަކިކޮށްލުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ކުއްޖާގެ އޮޕަރޭޝަން ކުރެއްވި ޑޮކްޓަރުން ބުނާ ގޮތުގައި ކުއްޖާއަށް ބޭނުންވާ ލޭގެ ސަޕްލައި އާއި މުހިއްމު ނިއުޓްރިއަންޓްސްގެ ބޮޑު ބައެއް، ކުއްޖާގެ ބަނޑުން ނުކުމެފައިވާ ބޮލަށް ދިއުމުގެ ސަބަބުން، އެ ކުއްޖާއަށް ބޭނުންވާ މިންވަރަށް ލެޔާއި ނިއުޓްރިއަންޓްސް ނުލިބެ އެވެ. އިތުރު ބޮލެއް އިން ނަމަވެސް އެ ބޯ ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުން ކަންފަތާއި ލޯ ފަދަ ތަންތަނެއް ނެތެވެ.
ދެ ބޮލުގެ އިތުރުން މި ތުއްތު ކުއްޖާގެ ތިން އަތް ވެސް އިނެވެ. މިފަދަ ކުދިންނަށް ޑޮކްޓަރީ ބަހުން ކިޔަނީ ޕެރަސިޓިކް ޓުވިންސް އެވެ.
ހޮސްޕިޓަލުގެ ޕްރޮފެސަރު އަދި ކުޑަކުދިންގެ އޮޕަރޭޝަންތަކާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. ޕްރަވަން މާތޫރު ވިދާޅުވީ މިއީ ޕެރަސިޓިކް ޓުވިންސްގެ ތެރެއިން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއް ކަމަށެވެ. މި ކުދިންގެ މައްސަލަ އެހާ އުނދަގޫވީ ދެ ކުދިން ވެސް ލޭގެ ނާރުތައް ހިއްސާކުރާތީ އެވެ. މި ކުދިންގެ ހިތަށާއި ފުރަމެޔަށް އަށް ލޭ ސަޕްލައިކޮށްދެނީ އެއް ލޭ ހޮޅި ތަކަކުން ކަމަށް ވާތީ އޮޕަރޭޝަން ކޮށްގެން ވަކިކުރަން ވަރަށް އުނދަގޫވި ކަމަށް ޑރ. މާތޫރު ވިދާޅުވި އެވެ.
މި ކުއްޖާގެ މައިންބަފައިންނަކީ ދަނޑުވެރިކަން ކުރާ ބައެކެވެ. ކުއްޖާގެ މަންމަ ޑޮކްޓަރަށް ދެއްކީ ބަލިވެ އިނުމުން ގަވާއިދުން ދައްކާ އުސޫލުންނެވެ. އަދި ސްކޭން ހެދުމުން، ބަނޑުގައި އޮތީ އެއްމާބަނޑު ދެ ކުދިންކަން އެނގުނެވެ. ނަމަވެސް މިއީ ޕެރަސިޓިކް ޓުވިންސް ކަމެއް އޭރަކު ސްކޭން ކުރެއްވި ޑޮކްޓަރުންނަކަށް ފާހަގައެއް ނުކުރެވުނެވެ.
ވިހެއުމަށްފަހު މި ދެ ކުދިން ފެނިފައި ޑޮކްޓަރުންނާއި އެ ކުދިންގެ މައިންބަފައިންނަށް ވެސް ލިބުނީ ސިހުމެކެވެ. ކުއްޖާގެ މައިންބަފައިން ދެން ބޭނުންވީ ކުއްޖާގެ ބަނޑުން ނުކުމެފައިވާ ބޯ، ސާޖަރީ ހަދައިގެން ނެގެންދެން ކުއްޖާގެ ފުރާނަ ސަލާމާތް ކުރެވޭނެ ގޮތެއް ވުމަށެވެ. އޮޕަރޭޝަން ލަސްކޮށްފި ނަމަވެސް ސެޕްޓިސީމިއާ ކިޔާ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުން ވީހާ ވެސް އަވަހަކަށް އޮޕަރޭޝަންކުރަން ޖެހުނީ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނަނީ މި އޮޕަރޭޝަނަށް ހޮސްޕިޓަލުން އެއްވެސް ފައިސާއެއް ކުއްޖާގެ އާއިލާގެ އަތުން ނުނަގާ ކަމަށެވެ. އަދި އޮޕަރޭޝަން ކާމިޔާބުވެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.