ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒްތައް މިހާރު ފޫހި: އެކްތާ ކަޕޫރު
ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒްތައް މިހާރު ފޫހި: އެކްތާ ކަޕޫރު

އެކްތާ ކަޕޫރުގެ "ކިޔޫންކީ ސާސް ބީ ކަބީ ބަހޫތީ" ގެ 1800 އެޕިސޯޑް ދެއްކި އެވެ. "ކަހާނީ ގަރް ގަރް ކީ"ގެ 1600 އަށް ވުރެ ގިނަ އެޕިސޯޑް ދެއްކި އެވެ. އެކްތާގެ މި ޝޯތަކުން ހަދާފައިވާ ރެކޯޑްތަކަކީ މިހާތަނަށް އެއްވެސް ބަޔަކަށް މުގުރާލެވިފައިވާ ރެކޯޑްތަކެއް ނޫނެވެ.

ނަމަވެސް އެކްތާ މިހާރު ބުނަނީ ޝޯ މާ ދިގުލައިގެންދާ ނަމަ މިހާރު ވަރުބަލިވެ ފޫހިވާ ކަމަށެވެ.

ބާލާޖީ ޓެލެފިލްމްސްގެ ކުޑައިގެ ދަށުގައި ގިނަ ސިލްސިލާތަކެއް އުފައްދާފައިވާ އެކްތާ އެކި ކަހަލަ ޓީވީ ޝޯތައް އުފެއްދުމުގައި އުޅޭތާ މިހާރު ވަރަށް ގިނަ އަހަރު ވެއްޖެ އެވެ. މީގެ ތެރެއިން ގިނަ ޝޯތަކަކީ އިންޑިއާގެ މުނިފޫހިފިލުވައިދޭ ޗެނަލްތަކަށް އުފައްދާދީފައީ ސާސް-ބަހޫ (ޅީދަރިފުޅާއި މައިދައިތަ) ގެ ޑްރާމާ ތަކެވެ.

ނަމަވެސް އިތުރު މީޑިއަމްތައް ވުޖޫދަށް އައުމުން މިހާރު އެހާ ދިގުކޮށް ސިލްސިލާތައް ކުރިޔަށް ގެންދާކަށް އެކްތާ ހިތްހަމައެއް ނުޖެހެ އެވެ.

"އެއްހާހަށް ވުރެ ގިނަ އެޕިސޯޑް ސިލްސިލާއަކަށް ލިޔާއިރު ކުރެވޭނީ ވަރަށް އެހެން ކަހަލަ ތަޖުރިބާތަކެއް. ކޮންމެ ދުވަހަކުވެސް އެ ކެރެކްޓާތަކުގެ ހަޔާތުގެ ކޮންމެވެސް ތަންކޮޅެއް ފެންނާނެ. އެ ސިލްސިލާތައް ބަލާމީހުންނަށް އެ ކެރެކްޓާތަކަކީ ވެސް އެމީހުންގެ ހަޔާތުގެ ހިއްސާއަކަށްވޭ. އެހެންވެ ކޮންމެ ހާލެއްގައި ވެސް އެ ކެރެކްޓާތަކަށް ވާ ގޮތެއް ބަލަން ބޭނުންވޭ. އެއްހާހަށް ވުރެ ގިނަ އެޕިސޯޑް ބެލޭނީ ހަމަ ޔަގީނުން ވެސް އެ ސިލްސިލާއެއްގައި އުޅޭ ކެރެކްޓާތައް ދެކެ ލޯބި ވެވިގެން،" އެކްތާ ބުންޏެވެ.

އެކްތާ ބުނި ގޮތުގައި އެ ތަޖުރިބާ ވަރަށް ގިނަ ބަޔަކަށް މަގްބޫލުވެ އަދި ކުރިޔަށް ގެންދަން ބޭނުންވި އެވެ. ނަމަވެސް މިހާރު އޭގެ މޫސުން ވަނީ ގޮސްފަ އެވެ. މިހާރު 100 ވަރަކަށް އެޕިސޯޑްގެ ޝޯއެއް ބަލަން ވެސް ގިނަ މީހުންނަށް ވަނީ ބޮޑު ކަމަކަށެވެ. އޭނާ ބުނީ އޭނާއަށް ވެސް މިހާރު 100 ވަރަކަށް އެޕިސޯޑަށް ވުރެ ގިނައިން ކުރިޔަށް ނުގެންދެވޭ ކަމަށެވެ. އެހިސާބުން ފޫހިވެގެން ޖެހެނީ ހުއްޓާލާށެވެ.

އެކްތާ ބުނީ ބެލުންތެރިން ޝައުގުވެރިވާ ޒާތުގެ އާ ޝޯއެއް މުޅިން އާ ކެރެކްޓާތަކަކާ އެކު އުފައްދައި އެ ވާހަކަ ބެލުންތެރިންނަށް ކިޔައިދެމުން ގެންދިއުމަކީ ގޮންޖެހުމެއް ކަމަށެވެ. ކުރިން އެއީ ވަރަށް މަޖާ ކަމަކަށް ވިޔަސް މިހާރު މަޖާ ނޫން ކަމަށް އެކްތާ އެއްބަސްވި އެވެ.

އެހެންވެ، މިހާރު އެކްތާ ބޮޑަށް ޝައުގުވެރިވަނީ ވެބް ސީރީޒްތައް އުފެއްދުމަށެވެ. އެއީ ކުރު ފޯމެޓަކަށް ރަނގަޅު ވާހަކަތަކެއް ހިމެނޭ ޝޯތަކެއް އުފެއްދޭނެތީ އެވެ.

"ޓީވީން ނުދެއްކޭ ކަހަލަ ބައެއް ޝޯތައް ވެސް ހުންނާނެ ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދެވިދާނެ. އަދި ބެލުންތެރިން ޝޯއެއް ބަލަން އިންނަ ވަގުތު ވެސް އަހަންނަށް ހީވަނީ މިހާރު މާ މަދުވެއްޖެހެން. ހީވަނީ މިހާރު ގިނަ ބަޔަކަށް ކޮންމެ ދުވަހަކު އެއް ގަޑިއަކަށް އެއް ކެރެކްޓާތަކެއް ބަލަން ކަމަކު ނުދޭހެން،" ސިލްސިލާތަކަށް މީހުން ދޭ ތަރުހީބު މަދުވަމުންދާކަން ދޭހަވާ މޭރުމުން އެކްތާ ބުންޏެވެ.