05 މެއި 2017 - 07:00

މިއަހަރުގެ ނެޝަނަލް އެވޯޑު ދިނުމުގެ ހަފުލާ ބުދަ ދުވަހުގެ ރޭ ބާއްވާފައި ވާއިރު މި ހަފުލާގައި ބޮލީވުޑް ތަރި ސޯނަމް ކަޕޫރަށް ވެސް ވަނީ ޚާއްސަ އެވޯޑެއް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީގެ އަތްޕުޅުން ލިބިފަ އެވެ. ސޯނަމަށް ލިބުނީ އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީން "ސްޕެޝަލް މެންޝަން" އެވޯޑެއް ނަމަވެސް އެކްޓަރެއްގެ ހައިސިއްޔަތުން މިއީ ވަރަށް ފާހަގަކޮށްލެވޭ އެވޯޑެކެވެ.
މިދިޔަ އަހަރު ސޯނަމް ކުޅުނު "ނީރްޖާ" ގައި އޭނާ ވަނީ އާދަޔާޚިލާފު މޮޅު ޕާފޯމަންސެއް ދައްކުވައިދީފަ އެވެ. އަދި ގިނަ ބަޔަކު ހީކޮށްގެން ތިބީ 2016 ގައި އެންމެ މޮޅު ބަތަލާގެ އެވޯޑުތައް އެންމެ ގިނައިން ލިބޭނީ ސޯނަމް އަށް ކަމަށެވެ. ނަމަވެސް ޕޮޕިއުލާ އެންމެ ގިނަ އެވޯޑުތައް ލިބުނީ އާލިއާ ބަޓް އަށެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މިކަމާ ހެދި ސޯނަމް އާއި އޭނާގެ ފޭނުން ތިބީ ކުޑަކޮށް ހިތްހަމަނުޖެހިފަ އެވެ. އެހާ މޮޅު ޕާފޯމަންސެއް ބައެއް އެވޯޑު ޝޯތަކުގައި އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާތީ އެވެ. ނަމަވެސް ސޯނަމް ވަރަށް ހިތްވަރު ގަދަކޮށްލާފައި މިދިޔަ އަހަރުގެ ހުރިހާ އެވޯޑު ޝޯތަކަކަށް ހެން ދިޔަ އެވެ.
ނަމަވެސް ހުރިހާ އެވޯޑު ޝޯތަކަށް ވުރެ ނެޝަނަލް އެވޯޑަކީ މާ ގަދަރާއި އިއްޒަތް އުފުލިގެންވާ އެއްޗަކަށް ވާތީ ސޯނަމް އަށް މި އެވޯޑު ލިބުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.
ބައްޕަ އަނިލް ކަޕޫރާއި ލޯބިވެރިޔާ އާނަންދް އަހޫޖާއާ އެކު ނެޝަނަލް އެވޯޑު ހަފުލާގައި ސޯނަމް ބައިވެރިވެ އެވޯޑު ހާސިލުކުރި ވަގުތު އެންމެ ގަދަޔަށް އަތްތިލަބަޑި ޖެހިތަން ފެނުނީ ލޯބިވެރިޔާ އަހޫޖާ އެވެ. ބައްޕަ އަނިލް ވެސް ފޯނުން ފޮޓޯ ނަގާ އާދަޔާޚިލާފަށް އުފާވެގެން އުޅުނުތަން ފެނިފައިވެ އެވެ.
މި އެވޯޑަށް ފަހު ސޯނަމް ދީފައިވާ އިންޓަވިއުއެއްގައި، އެކިގޮތްގޮތަށް ނުފޫޒުގެ ބޭނުންކޮށްގެން އެވޯޑުތައް ހޯދާ އެކްޓަރުންނަށް މަލާމާތުގެ ބަސްތައް ރައްދުކުރި އެވެ. ސޯނަމް ބުނި ގޮތުގައި އޭނާ އެވޯޑު ހޯދަނީ ލޮބީ ކޮށްގެންނެއް ނޫނެވެ.
ސޯނަމް ބުނީ އޭނާއަކީ އަނިލް ކަޕޫރު ފަދަ ކުޅަދާނަ އެކްޓަރެއްގެ ދަރިއަކަށް ވީތީ މިފަދަ އެވޯޑެއް ލިބުމަކީ ލިބުނު އިތުރު އުފަލެއް ކަމަށެވެ.
"ބަޔަކު ކޮންމެ އެއްޗެއް ހީކުރިޔަސް އަހަރެން ގަބޫލުކުރަނީ އަހަންނަށް މި ލިބުނީ އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަ ކޮށްލެވޭ އެވޯޑުކަމަށް. އަހަރެން ކޮންމެ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތްކުރަނީ ނަޒާހަތްތެރިކަމާ އެކު އަހަންނަށް ވީ އެންމެ ރަނގަޅަކަށް. ކޮންމެހެން ރޭހުގައި ބައިވެރިވެ އެހެން މީހުންނަށް ކުރި ހޯދަން ވާދަޖަހައިގެން އަމިއްލަ ނަފްސަށް ބުރަކުރާކަށް އަހަރެން ބޭނުމެއް ނޫން،" ސޯނަމް ބުންޏެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑު މިފަހަރު ލިބިފައި ވަނީ "ރުސްތުމް" ކުޅެގެން އަކްޝޭ ކުމާރަށެވެ. އެވޯޑު ހަފުލާގައި އަކްޝޭ އަށް ތަރުހީބުދިނުމުގެ ގޮތުން އޭނާގެ އަންހެނުން ޓްވިންކަލް އާއި ދޮށީ ދަރިފުޅު އާރަވް ވަރަށް ބާރަށް އަތްތިލަބަޑި ޖެހިތަން ވަނީ ފެނިފަ އެވެ.
އަކްޝޭ އަށް މިފަހަރު އެވޯޑު ލިބިގެން ވަރަށް ގިނަ ބަޔަކު އެކަމަށް ޖޯކު ޖަހައި މަލާމަތް ކޮށްފައި ވެއެވެ. ނަމަވެސް އެވޯޑާ ހަވާލުވުމަށްފަހު ދިން އިންޓަވިއު ގައި އަކްޝޭ މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.