04 މެއި 2017 - 19:36

މާލެ ސަރަހައްދުން ކުނި ނައްތާލަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އޭޑީބީއާ ހަވާލާދީ ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޖަޕާނުގެ ޔޮކޮހާމާގައި ކުރިޔަށްދާ އެ ބޭންކުގެ 50 ވަނަ އަހަރީ އާއްމު ޖަލްސާގެ ހަވާސާގައި މިއަދު ހެނދުނު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އޭޑީބީގެ އިސްވެރިންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އޭޑީބީގެ އިސް އޮފިޝަލުން ވަނީ އެ އެހީ ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އޭޑީބީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު މުނައްވަރު ކުރައްވާ ދަތުރުފުޅުގައި އެ ބޭންކުގެ ރައީސް ޓަކިހިޓޯ ނަކައޯ އާއި ވައިސް ޕްރެޒިޑެންޓް ފޯ ސައުތު އޭޝިއާ ވެންސައި ޒަން އަދި ޑިރެކްޓަރު ޖެނެރަލް ހުން ކިމްއާ ވެސް ބައްދަލުކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ އިގްތިސާދަށް ގެންނަވާ ބަދަލުތަކާ ބެހޭ މައުލޫމާތު ދެއްވާފައި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް ދޭ އެހީގެ ދަށުން ހިންގާ މަޝްރޫއުގެ ތަފުސީލެއް އެ މިނިސްޓްރީން ހާމައެއްނުކުރެ އެވެ.