08 މެއި 2017 - 06:29

ޑާޓާ ބޭނުންކުރަން ފެށުމުން ބެޓެރީގެ ބާރު ހުސްވާލެއް އަވަހެވެ. މިއީ ގިނަ ބަޔަކު ތަޖުރިބާކޮށްފައި ވާނެ ކަމެކެވެ. ގޭމް ކުޅޭއިރު ވެސް އެހާ އަވަހަށް ބެޓެރީ ދެ އެވެ. މާނަ އަކީ ފޯނަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވުމެވެ.
މަސްވެރިން މާކަނޑަށް ނިކުމެ އުޅޭއިރު، ބެޓެެރީ އަވަހަށް ހުލިވާ ވާހަކަ ބުނެ އެވެ. މިއީ ބައެއް ރަށްރަށުގައި ވެސް ދިމާވާ ކަމެކެވެ. އެއާޕޯޓުގައި ހުޅުމާލެ އަށް ވީ ފަރާތުގައި އުޅޭ މީހުންނަށް ވެސް މިކަން ތަޖުރިބާކުރެވިފައި ވާނެ އެވެ. މި ހުރިހާ އެންމެންނަށް ބަލާއިރު އެއް ކަމެއް އެއް ގޮތް ވެ އެވެ. އެ ހިސާބުގައި "ސެލް ޓަވާ"ތައް މަދުވުމެވެ. އެކަށީގެން ވާ ވަރަށް މޮބައިލް ފޯން އެންޓަނާއެއް ނުހުރެ އެވެ.
ގޭތެރޭގައި އެއް ކޮޓަރިން އަނެއް ކޮޓަރި އަށް ވަދެ ނިކުމެ އުޅުމަށް ބޭނުންވާ ހަކަތަ އަށް ވުރެ، ހެންވޭރުން މާފަންނަށް ގޮސް އައިސްވުމަށް ބޭނުންވާ ހަކަތަ އިތުރެވެ. ހިނގާފައި ދުރު ހިސާބަކަށް ދިއުމަށް ނަގާ ވަގުތު ގިނަ އެވެ. ބޭނުންވާ ހަކަތަ ވެސް ގިނަ އެވެ. މޮބައިލް ފޯނު ސެލް އެންޓަނާތަކާ ގުޅިގެން ކުރާ މަސައްކަތްތަކަށް ވެސް މި ގޮތަށް ބަލާލިވެދާނެ އެވެ.
ސެލް އެންޓަނާތަކާ މުއާސަލާތުކުރުމަށް ފޯނަށް ހަކަތަ ބޭނުންވެ އެވެ. ދުރުގައި ހުންނަ އެންޓަނާއަކަށް މޮބައިލް ފޯނު ސިގްނަލް ފޮނުވާލުމަށް ބޭނުންވާ ހަކަތަ އިތުރުވަނީ އެ ގޮތުންނެވެ. ފޯނު ބޭނުންކުރާ މީހާ އަށް އެނގުމަކާ ނުލައި، ސެލް އެންޓަނާތަކާ ވާހަކަދައްކާ އެޕްލިކޭޝަން ވެސް ހުރެ އެވެ.
އާދައިގެ ހާލަތުގައި ފޯނު އޮންނައިރަށް ވުރެ އަވަހަށް ޑާޓާ ބޭނުންކުރަން ފެށުމުން ބެޓެރީ ހުލިވާ ނިސްބަތް އަވަސްވުމުގައި ވެސް، އެންޓަނާ ހުންނަ ހިސާބު މުހިންމެވެ. ޑާޓާ ޖައްސައި އިންޓަނެޓަށް ވަނުމުން ފޯނަށް އިތުރު ބުރައެއް ޖެހުނީ އެވެ. އިތުރު ބޭންޑްތަކަކުން ސެލް ޓަވަރާ މުވާސަލާތުކުރަން ޖެހުނީ އެވެ. ޑާޓާ ޖައްސާފައި ހުރުމަކުން ފޯނު ކޯލުތައް ކަނޑައިގެން ނުދެ އެވެ. ޓެކްސްޓް މެސެޖުތައް ވެސް ބަރާބަރަށް ލިބެ އެވެ.
މުވާސަލާތީ ކުންފުނިތަކުން ޚިދުމަތް ރަނގަޅުކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން މި މައްސަލަ ވަނީ ވަރަށް ކުޑަވެފަ އެވެ. ސެލް އެންޓަނާތައް އިތުރުކޮށް ނެޓްވޯކު ތަރައްގީކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފެށުމުން، ސިގްނަލް ކަނޑައިގެންދާ ނިސްބަތް ވަނީ ދަށްވެފަ އެވެ. އެހެންކަމުން ނެޓްވޯކް ހޯދަން ފޯނަށް ބުރަ މަސައްކަތްތަކެއް ކުރާކަށް މިހާރަކު ނުޖެހެ އެވެ. މިއީ މި ސުވާލަށް އޮތް ވަރަށް ކުރު އަދި ލުއި ޖަވާބެކެވެ.