07 މެއި 2017 - 20:22

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށް އެ އިންތިޚާބު އޮބްޒާވްކުރަން ހަރަކާތްތެރިވި ބޭރުގެ ބައެއް އޮބްޒާވަރުން މިރޭ ބުނެފި އެވެ.

މުޅި ރާއްޖޭގައި ބޭއްވި އިންތިޚާބު އޮބްޒާވް ކުރުމަށް ސްރީ ލަންކާ އާއި ބަންގްލަދޭޝް އާއި ޕާކިސްތާނާއި ބޫޓާނާއި ބޮސްނިއާ އަދި އަފްޣާނިސްތާނުގެ އިލެކްޝަންސް ކޮމިޝަންތަކުގެ ފަރާތުން އޮބްޒާވަރުން ހަރަކާތްތެރިވި އެވެ. އެ ޓީމުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން ވޯޓުލާ 50 މަރުކަޒެއްގައި ހަރަކާތްތެރިވެފަ އެވެ.
އޮބްޒާވަރުންގެ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ގާނޫނާ އެއްގޮތަށް ކަމަށާއި އިންތިޚާބުގައި ހަރަކާތްތެެރިވި އޮފިޝަލުން ވެސް ތިބީ އެކަމަށް ރަނގަޅަށް ތަމްރީނު ދެވި، ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެވިފައި ކަމަށެވެ. އިންތިޚާބުގެ ވޯޓުލާ ވަގުތު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ކަމެއް ކަމަށާއި އެއީ ބައެއް މަރުކަޒުތަކުގައި އިންތިޚާބުގެ ވޯޓުލުން ލަހުން ފެށިފައިވާތީ ކަމަށް އެ ޓީމުން ބުންޏެވެ.
"ބައެއް ތަންތަނުގައި ވޯޓުލުން ފެށުނީ ލަހުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވޯޓުލާ ވަގުތު އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް. ވަގުތު އިތުރު ނުކުރި ނަމަ ބައެއް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިގެންދާނެ،" ބޮސްނިއާގެ އިލެކްޝަން ކޮމިޝަންގެ ރައީސް ޑރ. އިރެނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ހުރިހާ ފޮއްޓެއްގެ ވެސް ވޯޓުލުން ދެ ގަޑިއިރަށް އިތުރުކޮށްފަ އެވެ. އަދި ވޯޓުލުން ވަގުތަށް ނުފެށުނު ފޮށިތައް ބަންދުކުރީ، ހަތަރު ގަޑިއިރު ފަހުންނެވެ.
އިންތިޚާބުގެ ބައެއް ކަންކަން ގާނޫނާ ޚިލާފު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އެ ޓީމުން ބުނީ ކޮންމެވެސް ބަޔަކު އަބަދުވެސް އިންތިޚާބުތަކަށް ފާޑު ކިޔާނެ ކަމަށެވެ. މައްސަލައެއް އޮތް ނަމަ ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ޓީމުން ބުންޏެވެ.
"ދުނިޔޭގެ އެއްވެސް އިންތިޚާބެއް ބޭއްވުނު ތަނެއް ނުދެކެން ކޮންމެވެސް ބަޔަކު އެއަށް ފާޑު ނުކިޔާ ނުވަތަ ދެކޮޅު ނަހަދާ. އަޅުގަނޑު ނުދަންނަވަން ދެކޮޅު ހަދާ ފަރާތްތަކަށް އެ ހައްގު ނޯންނާނެއެކޭ. އެ ފުރުސަތު އޮންނާނެ އެ ފަރާތްތަކަށް. އެހެންވެ މި އޮންނަނީ ޝަކުވާ ހުށަހެޅުމުގެ އިންތިޒާމްތައް ހަމަޖެހިފައި،" ޑރ. އިރެނާ ވިދާޅުވި އެވެ.
މި އިންތިޚާބުގައި ގިނަ އަދަދެއްގެ ޒުވާނުން ވޯޓުލާފައި ކަމަށާއި އެހެން ގައުމުތަކަށް ދިމާވެފައިވާ އެ މައްސަލަ ރާއްޖެއިން ނުފެނުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޓީމުން ބުންޏެވެ. އެކަމަކު އަންހެން ކެންޑިޑޭޓުންގެ އަދަދު ނިސްބަތުން މަދު ކަމަށާއި އެއީ ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށް އެ ޓީމުން ބުންޏެވެ. އިންތިޚާބާ މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން ބޮޑުކަން ވެސް އެ ޓީމުން ފާހަގަކުރި އެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާ ދައްކާ ގޮތުން ހުރިހާ ސިޓީ ކައުންސިލްތަކާއި ބޮޑެތި ރަށްރަށުގެ އަޣުލަބިއްޔަތު އެމްޑީޕީން ވަނީ ނަގައިފަ އެވެ. އެކަމަކު ސަރުކާރު ކޯލިޝަނުން ބުނެފައިވަނީ އެ ކޯލިޝަނަށް ވެސް ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.