ޔާމީންގެ މަރުގެ ތަހުގީގު މިނިވަންކަމާއެކު ކުރަން ޖެހޭ: އދ
ޔާމީންގެ މަރުގެ ތަހުގީގު މިނިވަންކަމާއެކު ކުރަން ޖެހޭ: އދ

އަނިޔާވެރި ގޮތަކަށް މަރައިލި ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިނިވަން ތަހުގީގެއް ކުރުމަށް އދ. އިން މިއަދު ގޮވާލައިފި އެވެ.

އދ. ގެ ތަޖުރިބާކާރުންގެ ގްރޫޕަކުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމާ އެއްގޮތަށް، ޔާމީންގެ މަރުގެ މައްސަލައިގައި ފުރިހަމަ ތަހުގީގެއްކޮށް، އެ ކަމުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

"ޔާމީން މަރައިލުމާ ގުޅިގެން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ސަރުކާރަށް ގޮވައިލަނީ މިނިވަންކަމާއި ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް،" ދީނާއި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދާއެކު އިތުރު ތިން ރެޕެޓުއާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ޔާމީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާތަކުން އެންމެ ފުރިހަމަ ވަސީލަތްތައް ބޭނުން ކުރަން ޖެހޭނެ އެވެ. އަދި ޔާމީންގެ އެންމެ ގާތް އެކުވެރިޔާ އަދި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން، ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، އޭނާ ހޯދުމަށް ވެސް މަސައްކަތް ކުރުމަށް އދ. ގެ ތަޖުރިބާކާރުންގެ ގްރޫޕުން ނެރުނު ބަޔާނުގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިވާ ގޮތަށް އޮތް ގާނޫނުތަކާއި އެހެނިހެން ގަވައިދުތައް މުރާޖައާ ކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދީ މަރައިލި މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިހާރު ލިބެމުންދާ ކުރިއެރުންތަކާ ގުޅިގެން ތަހުގީގު ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގުގައި ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުން އަންނަ ކަމަށެވެ.

ޔާމީނަށް އިންސާފު ހޯދަން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭނާ މަރާލުން ބޭރުގެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އެ ގައުމުތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.