10 މެއި 2017 - 14:09

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޖަލްސާތަކަށް، އެ ކައުންސިލްގެ މެމްބަރު އަދި ވީއެފްޕީގެ ނޫސްވެރިޔާ މިސްބާހު އައްބާސް ހާޒިރު ނުވާތީ، އޭނާއާ މެދު އަޅާނެ ފިޔަވަޅެއް މިއަދު ނިންމާނެ ކަމަށް އެމްއެމްސީން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހު އިންތިހާބު ކުރި އެ ކައުންސިލުން މިއަދު ބާއްވާ ބައްދަލުވުމުގައި މިސްބާހު ވަކިކުރާނެތޯ ނުވަތަ އެކަމާ ގުޅޭ ގޮތުން އިތުރަށް ދިރާސާ ކުރަން ފެނޭތޯ ނިންމާނެ އެވެ.
އެމްއެމްސީގެ ރައީސް އަބްދުލް މުއީދު ހަސަން ވިދާޅުވީ އެ ކައުންސިލްގެ ގަވައިދުގައި ވާ ގޮތުން ވިދިވިދިގެން ކައުންސިލްގެ ތިން ޖަލްސާ އަށް ހާޒިރު ނުވާ ނަމަ، އެކަން ކައުންސިލްގެ ރައީސަށް ހުށަހަޅައި އެކަމާ ގުޅޭ ގޮތުން މެމްބަރުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
"މި ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމާނީ އޭނާ ކަނޑާލަން ފެނޭތޯ. ނުވަތަ ހާޒިރު ނުވެވުނު ސަބަބުތައް ބަލައި، އެއީ ރަނގަޅު އުޒުރެއް ނަމަ އޭނާ އަދި ކައުންސިލްގައި ބަހައްޓާނީތޯ. މިއީ މިސްބާހު ވަކިކުރަން ބާއްވާ ބައްދަލުވުމެއް ނޫން،" މުއީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްބާހަކީ "ކައުންސިލް މެމްބަރުންގެ އަޚެއް ކަމަށާއި އެހެންވެ، އޭނާއާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައްދަލުވުންތަކަށް އޭނާ އަށް ނާދެވުނު އުޒުރު މެމްބަރުން ރަނގަޅަށް ބަލާނެ ކަމަށް އުއްމީދު ކުރާ" ކަމަށެވެ.
ކައުންސިލްގެ މިދިޔަ ދައުރުގައި، މިސްބާހުގެ ބޭބެ، މިއުސަމް އައްބާސް ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި އިހުމާލުވެފައި ވާތީ އާއި ސަމާލުކަން ކުޑަވުމުގެ ސަބަބުން މެންބަރު ކަމުން ވަކިކޮށްފަ އެވެ.