ބިޒީވުމުން ރަތްކުލައިން ދިއްލޭ ބޮތްކެއް
ބިޒީވުމުން ރަތްކުލައިން ދިއްލޭ ބޮތްކެއް

ސައިންސްވެރިން އާ ވައްތަރެއްގެ މޭޒުމަތީ ބޮތްކެއް އީޖާދުކޮށްފި އެވެ. މޭޒު ދޮށުގައި އަވަދި ނެތި މަސައްކަތްތަކަށް ވިސްނަންފެށުމުން ބޮކި ފެހިކުލައިން ރަތް ކުލައަށް ބަދަލުވެ އެވެ. މާނަ އަކީ އެންމެ ރަނގަޅު ގޮތަކީ އުނދަގޫ ނުކުރުން ކަމެވެ.

މަސައްކަތްތަކުން އަތް ދޫކޮށްލުމުން މިޒާޖަށް އަންނަ ބަދަލާ އެކު، ރަތް ކުލައިން ބޮކި ފެހި ކުލަ އަށް ބަދަލުވެ އެވެ. އެ ގޮތުގައި، އޭނާ އެ އިނީ ވާހަކަދައްކާލައި މަޝްވަރާކުރެވިދާނެ ހާލަތެއްގައިކަން، ދުރުގައި ހުންނަ މީހަކަށް އެނގެ އެވެ.

ފޭސްބުކް އަދި ސްކައިޕް ފަދަ ސޯޝަލް އެޕްލިކޭޝަންތައް ފަދައިން މަސައްކަތްކުރާ ބޮތްކެކެވެ. ސޯޝަލް އެޕްލިކޭޝަންތަކުގައި، މިސާލަކަށް ސްކައިޕް މެދުވެރިކޮށް ޗެޓްކުރަމުން ދާއިރު، އަނެއް ކޮޅުން ޗެޓްކުރާ މީހާ އިންނަ ހާލަތު ދައްކައިދިނުމަށް، އެކި ކުލަ އަށް ބަދަލުވާ "ބޮތްކެއް" ސްކްރީނުން ފެނެ އެވެ. "ބިޒީ" ނަމަ ރަތް ކުލަ އެވެ. "ތައްޔާރު" ނަމަ ފެހި ކުލަ އެވެ.

މި ބޮތްކަށް ކިޔަނީ "ފްލޯލައިޓް" އެވެ. މޭޒު ދޮށުގައި އަވަދިނެތުމުން ބޮތްކަށް ކުލަ ބަދަލުވެވެނީ، ކީބޯޑް އަދި މައުސްގެ ހަރަކާތްތަކަށް ބަލައިގެންނެވެ. މައުސް ނުގުޑުވާ އަދި ކީބޯޑުން ފިތަކަށް ނުފިތާ ގިނައިރުވާން ފެށުމުން ބޮކި ފެހި ކުލަ އަށް ބަދަލުވެ އެވެ.

ފްލޯލައިޓް ތަޖުރިބާކުރުވަން ކުރި މަސައްކަތުގައި ގިނަ ބައެއްގެ ޚިޔާލު ސައިންސްވެރިން ހޯދި އެވެ. އޭގެ ތެރެއިން ބަޔަކު މީހުން ބުނި ގޮތުގައި، ބޮކީގެ ކުލަ ބަދަލުވުމަކީ ވަރަށް ބޮޑު ލުޔެކެވެ.

ބޮކިި ރަތް ކުލަ އަށް ބަދަވެ އިންނައިރު، އުނދަގޫކުރުން ރަނގަޅު ނޫންކަން މީހުންނަށް އެނގެން ފެށުމުން، ކުރެވޭ މަސައްކަތް ގިނަވެފައި ދުޅަހެޔޮ ކަމަށް އެ މީހުން ބުނެ އެވެ. އުފެއްދުންތެރި ޚިޔާލު ތަނަވަސް ވާ ކަމަށް ވެސް ބުނެ އެވެ.

އުނދަގޫކުރަން ބޭނުން ނޫން ވަގުތެއްގައި، މޭޒު ދޮށަށް އައިސް "އޭތި، މީތި" ކިޔަން ފެށުމުން، ހިތްނުތަނަވަސްވެ އެވެ. މިއީ އެ ނުތަނަވަސްކަމަށް ހަރުދަނާ އަދި ދެމެހެއްޓިނިވި ހައްލެއް ކަމަށް ސައިންސްވެރިން ދެކެ އެވެ.