24 މެއި 2017 - 06:26

ގަބޫލުކުރަމާ ހިނގާށެވެ! އަގު ކިތަންމެ ބޮޑަސް، މާލެ އިން އާއްމުކޮށް ލިބެން ހުންނަ ކާއެއްޗެހީގެ ފެންވަރު ދަށެވެ. އެކަމަކު، ދިވެހިން އަމިއްލަ އަށް ފައްކާކޮށްފައިވާ ޒަމާނީ ކޮންސެޕްޓްތަކާއި އަލަށް އަންނަ ބައިނަލްއަގުވާމީ ފްރެންޗައިޒްތަކާ އެކު، މާލޭގެ ކެފޭ/ ރެސްޓޯރެންޓް ވިޔަފާރީގެ މަލަމަތި ބަދަލުވާން ފަށައިފި އެވެ. މިފަހަރު މި އޮތީ ފްލޭމް ގްރިލްޑް ޗިކަން އާއި ޕޭރީ ޕޭރީ ސޯސްގެ ޖާދޫ އެވެ.

ރާއްޖެ އިން ބޭރަށް ގޮސް އުޅޭ ދިވެހިންނަށް އާ ބާވަތެއް ނޫނެވެ. އެކަމަކު ރާއްޖެ އަށް މުޅިން އާ ބާވަތެކެވެ. ރާއްޖެ އަށް އާދޭތޯ އެދިއެދި، ދިވެހިން ކުޅުދިޔާވެފައި ތިބި ކެއުމެކެވެ.

ބާސެލޯސް އަށް މަރުހަބާ އެވެ! މެދުޒިޔާރަތް ކައިރީ ނޫރާނީގޯޅީގައި އަލަށް ހުޅުވި މި ރެސްޓޯރެންޓަކީ، ސައުތު އެފްރިކާ އިން ފަށައިގެން، ދުނިޔޭގެ 16 ގައުމެއްގައި ޕޯޗުގީޒް ކާނާ ފޯރުކޮށްދޭ ފްރެންޗައިޒެކެވެ. މިއީ ރަހަ މީރު، ފެންވަރު ރަނގަޅު ކާނާ އަށް ލޯބިކުރާ ދިވެހިންނާ ހަމައަށް މިފަހުން އައި އެންމެ އުފާވެރި ޚަބަރެވެ.

ބާސެލޯސްގެ މާހައުލުން ފަށަމާ ހިނގާށެވެ! ދެ ބުރި އަށް ހަދާފައިވާ މި ތަނަކީ ދިވެހިން މިހާރު އުއްމީދުކުރާ ފަދަ އަރާމު، ޒަމާނީ ރެސްޓޯރެންޓެކެވެ. އެއްފަހަރާ 68 މީހުންނަށް ތިބެވޭނެ ޖާގަ އެބަ ހުއްޓެވެ. ދޮރުން ވަނުމާ އެކު މަރުހަބާ ކިޔާނީ ފުޑް އެންޑް ބެވަރޭޖް ދާއިރާގެ ތަޖުރިބާކާރު ދިވެހި މެނޭޖަރެއްގެ ބެލުމުގެ ދަށުން ހިނިތުންވުމާ އެކު ޚިދުމަތް ދޭން ތިބި ވެއިޓަރުންނެވެ.

މެނޫގައި އެކި ވައްތަރުގެ ކެއުންތަކާއި ބުއިންތަކެވެ. މައިގަނޑު އެއްޗަކީ ކުކުޅެވެ. ކައިކައި ފޫހިނުވާނެހާ މީރު، މަޑުމަޑު ކުކުޅެކެވެ. އާއްމުކޮށް ރާއްޖޭގެ ބާޒާރުން ލިބެން ހުރި ކުކުޅަށް ވުރެ އެތައް ގުނައެއް ފެންވަރު ރަނގަޅު ކުކުޅެކެވެ. ސީދާ ސައުތު އެފްރިކާ އިން ބާސެލޯސް އަށް ގެންނަ، އެ ފްރެންޗައިޒްގެ ޚާއްސަ ކުކުޅެވެ.

ސައުވީސް ގަޑި އިރު ވަންދެން މެރިނޭޓްކުރުމަށް ފަހު އަލިފާނުގައި ފިހެލާފައި އޮންނަ ކުކުޅުގަނޑު ކާލަން ރަނގަޅުވާނީ ބާސެލޯސްގެ ޕޭރީ ޕޭރީ ސޯސްއާ ޖައްސައިގެންނެވެ. "ޓޭންޖީ ލެމަން، "މައިލްޑް ޕޭރީ"، "ވެރީ ޕޭރީ"، "ސުޕަ ޕޭރީ"، ނުވަތަ ކުޅިކޮށް ކާން މަރުދޭ ދިވެހިންނަށް ޚާއްސަކޮށްގެން ބާސެލޯސް އިން ތައްޔާރުކޮށްފައިވާ "ފްލޭމިން" ޕޭރީ ވެސް ބޭނުންކޮށްލެވިދާނެ އެވެ. ސޯސް މީރުތޯ، ނޫންތޯ އަމިއްލަ އަށް އިންސާފުކޮށްލާށެވެ. ބައެއް ފްލޭވާތަކުގެ ލޮނު ތަންކޮޅެއް ގަދަ އެވެ.
ކުކުޅާއި އެކި ކަހަލަ ސައިޑް ޑިޝްތަކާއި އެޕެޓައިޒާތައް ވަކިން ލިބެން ހުރި އިރު ބާގާ، ޝަވަރްމާ އަދި ސެލެޑް ވެސް މެނޫގައި ހިމެނެ އެވެ. ސޯސްގެ އިތުރުން ބައެއް ސައިޑް ޑިޝްތަކުގެ ވެސް ލޮނުގަދަ ކަން ފާހަގަކުރެވުނެވެ. ބުއިންތަކުގެ ތެރޭގައި ޖޫހާއި މިލްކްޝޭކާއި އެކި ވައްތަރުތަކުގެ ކޮފީ އެވެ. މެނޫ ފުރިހަމަކޮށްދެނީ ކޭކާއި އައިސްކްރީމް ފަދަ ފޮނިއެއްޗެއްސެވެ.
ހެނދުނުގެ ނާސްތާ އަށް ވެސް ބާސެލޯސްގެ އަޖުމަ ބަލައިލުން ރަނގަޅުވާނެ އެވެ. ތަފާތު ހަތަރު ޑިޝްއެއް މެނޫގައި ހިމެނެ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަ ދެ ކެއުމަކާއި އާއިލާތަކަށް ތައްޔާރުކޮށްފައިވާ ފެމިލީ މީލްތައް ވެސް ބާސެލޯސް އިން ލިބޭނެ އެވެ. ޓޭކްއަވޭގެ ޚިދުމަތް މިހާރު ވެސް ދެމުން އަންނަ އިރު ޑެލިވަރީ ވެސް ފަށަން ބާސެލޯސް އިން އަންނަނީ ތައްޔާރުވަމުންނެވެ.
އަގާ އެއްވަރަށް ކާއެއްޗެހީގެ ފެންވަރު ރަނގަޅުވާން ކުރާ އުއްމީދު ބާސެލޯސް އިން ހާސިލްކުރެވިދާނެ އެވެ. އެ ފްރެންޗައިޒް ދިވެހިންނާ ހަމައަށް އައީ ވެސް، އެކި ކަހަލަ ކާއެއްޗެހީގެ އަޖުމަ ބަލައި މީރު އެއްޗެހި ކެއުމަށް ލޯބިކުރާ ދެމަފިރިއެއްގެ މަސައްކަތުންނެވެ. އިންޖީނު ވިއްކާ ކުންފުނި ވީއޭއެމްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުބައިރު އާދަމް އާއި އަނބިކަނބަލުން ޝާލިނީ އަހުމަދުގެ މަގްސަދަކަށްވީ، އަމިއްލަ ވިޔަފާރިއެއް ފައްޓަވާ އިރު، އެ ބޭފުޅުން ވެސް ލޯބިކުރައްވާ ފަދަ ފެންވަރު ރަނގަޅު ކެއުންތަކެއް ފޯރުކޮށްދެވޭނެ ޚިދުމަތެއް ތައާރަފްކުރައްވާށެވެ. އެކި ފްރެންޗައިޒްތައް ބައްލަވައި އެންމެ ފަހުން އެ އުއްމީދު ހާސިލްކުރެއްވީ ބާސެލޯސް މެދުވެރިކޮށެވެ.
އަޖުމަ ބަލައިލާށެވެ. ބާސެލޯސް އަދި އުޅެނީ ތައާރަފްވުމުގެ މަރުހަލާގަ އެވެ. ފާޑުކިޔުންތަކަށް މަރުހަބާ ކިޔަ އެވެ. ބާސެލޯސްގެ ޓީމް ހުސްވެގެން އެ ތިބީ ކަސްމަޓަރުންނަށް ކަމުނުދާ ކަމެއް އޮތިއްޔާ އެ ކަމެއް ރަނގަޅުކުރާށެވެ.