ލީޑަރުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: އަލީ ޒާހިރު
ލީޑަރުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: އަލީ ޒާހިރު

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގައުމުގެ އިސްލާހަށް މަސައްކަތް ކުރައްވަންވީ ދިގު މުއްދަތުގެ ޕްލޭނަކާ އެކުގައި ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އަލީ ވިދާޅުވީ އަހަރެއް ނޫނީ ދެ އަހަރެއް ފަހުން ބާއްވާ އިންތިޚާބަކާ ހަމައަށް ލީޑަރުންގެ މަސައްކަތް ނިންމާލައިގެން، ރާއްޖެ އޮތް ހާލަތުން އަރައިނުގަނެވޭނެ ކަމަށެވެ. އަދި އިދިކޮޅު ލީޑަރުންގެ މަސައްކަތަކަށް ވާން ވާނީ މުއައްސަސާތައް ހަރުދަނާކޮށް، ޝަރުއީ ދާއިރާގެ ހާލަތު ރަނގަޅު ކުރުމަށް އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަދުވެގެން 10 ނޫނީ 15 އަހަރުގެ އަމާޒަކަށް މަސައްކަތްކޮށްގެން މުޅި ސިސްޓަމް ބަދަލު ކުރަން ޖެހޭ. އެހެން ނޫނީ ހަމަޖެހިލައިގެން ހަމަހަމަކަމާއި އިންސާފުވެރިކަމާއި ޑިމޮކްރެޓިކްގެ ހަމަތަކުގެ މަތިން ވެރިކަން ނުކުރެވޭނެ،" ގާނޫނީ ވަކީލު އަލީ ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރިނަމަވެސް، އެއީ އިންސާފުވެރި، ދެފުށް ފެންނަ އިންތިޚާބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ރައްޔިތުންގެ ތެރެއިން ވޯޓު ދިން ގިނަ މީހުން ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ލޯކަލް އިންތިޚާބުގެ ނަތީޖާއިން، އިދިކޮޅު ލީޑަރުން ދެއްކެވި ވާހަކަތައް ރައްޔިތުން އިތުބާރު ކުރިކަން ހާމަވެގެން ދިޔަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކި "އަވާމެންދުރަށް" ރައްޔިތުން ދިނީ ފުރަގަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީ އާއި ތަނަވަސްކަން ދޫކޮށް ރައްޔިތުން އިޚުތިޔާރު ކުރީ ހަމަހަމަކަމާއި އަދުލު އިންސާފާއި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތައް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯކަލް އިންތިޚާބުން ނުކުތް ނަތީޖާއާ މެދު، ރައްޔިތުންނާ ދެކޮޅަށް މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވިސްނާވަޑައިގަންނަވަން ޖެހޭނެ އެވެ. ރައްޔިތުން ދެއްވީ އެ މެމްބަރުން ކަންކަން ކުރައްވާ ގޮތް ކަމު ނުދާ ކަމުގެ މެސެޖް ކަމަށް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިތުރަށް ހަރުދަނާ ކަމާއެކު މަސައްކަތް ކުރާނީ ވައުދުވެފައިވާ ގޮތަށް، ރައްޔިތުން އުންމީދު ކުރާ ދުވަސް ދާދި އަވަހަށް ދައްކާނެ،" އަލީ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރަމުން އަންނައިރު، މި އިންތިޚާބުގެ އަޣުލަބިއްޔަތު ހޯދާފައި ވަނީ އިދިކޮޅު ފަރާތްތަކުންނެވެ. އަދި ތިން ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކޮށްފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.