ޗައިނާ އިން ސިލްކް ރޫޓް ފޯރަމް ފަށަައިފި
ޗައިނާ އިން ސިލްކް ރޫޓް ފޯރަމް ފަށަައިފި

ބެއިޖިން (މެއި 14) - ވިޔަފާރި އަށް އަމާޒުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ޗައިނާގައި ބާއްވާ ސިލްކް ރޫޓް ފޯރަމް މިއަދު ފަށައިފި އެވެ.

"ވަން ބެލްޓް، ވަން ރޯޑް" ގެ ޝިއާރުގެ ދަށުން ބާއްވާ ފޯރަމް ހުޅުއްވައިދެއްވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ޗައިނާ އާއި އޭޝިއާ، ޔޫރަޕް އަދި އެފްރިކާ ގުޅުވާލަދޭ މަގުގެ މަޝްރޫއަށް އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެޓް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސިލްކް ރޫޓް ފޯރަމްގައި 29 ގައުމުން ބައިވެރިވެ އެވެ.

މިނިވަން ވިޔަފާރީގެ ދިފާއުގައި ޗައިނާ އިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބޭރުގެ ކުންފުނިތަކަށް ޗައިނާ އިން ފުރުސަތު ދޭލެއް ކުޑަކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

ޝީ ވިދާޅުވީ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަށް އެހީވުމަށް 2014 ވަނަ އަހަރު ގާއިމްކުރި ސިލްކް ރޫޓް ފަންޑަށް ޗައިނާ އިން 100 ބިލިއަން ޔޫއާން (14.5 ބިލިއަން ޑޮލަރު) ދެއްވާނެ ކަމަށެވެ. އަދި ސިލްކް ރޫޓުގައި ބައިވެރިވާ ތަރައްގީވެފައިވާ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ޗައިނާ އިން 60 ބިލިއަން ޔޫއާން (8.7 ބިލިއަން ޑޮލަރު) ދެއްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޝީ ވިދާޅުވީ ސިލްކް ރޫޓް މަޝްރޫ އަށް އެހީވުމަށް ޗައިނާގެ ދެ ބޭންކަކުން 380 ބިލިއަން ޔޫއާން (55 ބިލިއަން ޑޮލަރު) ގެ ލެންޑިން ސްކީމެއް ގާއިމް ކުރައްވާނެ ކަމަށެވެ.

ސިލްކް ރޫޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވާހަކަ ދައްކަވައިފަ އެވެ. މި ފޯރަމްގައި އެމެރިކާ ތަމްސީލް ކުރަނީ ޖޫނިއާ ވަފުދަކުންޏެވެ.