ގޭގައި ގެންގުޅުނު ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ދައުވާ ޔޫއޭއީގެ ޝާހީ އާއިލާ އަށް
ގޭގައި ގެންގުޅުނު ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ދައުވާ ޔޫއޭއީގެ ޝާހީ އާއިލާ އަށް

ބްރެސަލްސް (މެއި 14) - ގޭގެ މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅުނު ބަޔަކަށް ޔޫއޭއީގެ ޝާހީ އާއިލާގެ އަމީރާއިންތަކެއް އިހާނެތިކޮށް ހިތި މައްސަލައެއް ބްރެސަލްްސްގެ ކޯޓަކުން ބަލަން ފަށައިފި އެވެ.

ޝެއިޚާ ހަމްދާ އަލް ނަހުޔާން އާއި އޭނާގެ ހަތް ދަރިކަނބަލުން ވަނީ 2008 ވަނަ އަހަރު ބްރެސަލްސް އިން ލަގްޒަރީ ހޮޓަލެ ކުއްޔަށް ހިފާ މަސައްކަތު މީހުންގެ ގޮތުގައި ޔޫއޭއީން 20 އަންހެނުން ގެންގޮސްފަ އެވެ. މަސައްކަތު މީހުން ބުނި ގޮތުގައި އެ މީހުންނަށް އޮންނަނީ ހޮޓަލުން ނުކުތުން މަނާކޮށްފަ އެވެ. އަދި ކާން ޖެހެނީ އަމީރާ އިން ކައިފާ ބާކީވާ ތަކެތި ކަމަށް އެ މީހުން ބުނެފައިވެ އެވެ. އަދި 24 ގަޑިއިރު ތިބެން ޖެހެނީ އަމީރާއިންގެ ޚިދުމަތުގައި ކަމަށާއި ނިދަން ޖެހެނީ ތަޅުންގަނޑު މަތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫއޭއީގެ އަމީރާ އިންނާއި އެ މީހުންގެ އިންޑިއާ ބަޓްލަރުގެ މައްސަލަ ބަލަމުން ދަނީ ޣައިރު ހާޒިރުގަ އެވެ. މި މައްސަލައިގައި އަމީރާ އިން ކުށްވެރިވެއްޖެ ނަމަ ބޮޑު ޖޫރިމަނާއެއް ދެއްކުން ނުވަތަ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނީ ދައުވާ ލިބޭ އެއްވެސް އަމީރާއަކު ޔޫއޭއީ އިން ބްރެސަލްސް އަށް ފޮނުވުމަކީ ނާދިރު ކަމެއް ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ހޮޓަލުން ސަލާމަތްވި މަސައްކަތު މީހަކު ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ. ޔޫއޭއީގެ އަމީރާ އިން ވަނީ މަސައްކަތު މީހުންގެ ތުހުމަތު ދޮގުކޮށްފަ އެވެ.