14 މެއި 2017 - 22:47

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ގާނޫނީ ވަކީލު އަލީ ޝާހު މިރޭ ހައްޔަރު ކޮށްފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ގއ. ވިލިނގިލީ ބީޗްހައުސް، އަލީ ޝާހު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ޝާހު އަކީ ޖިނާއީ ބޮޑެތި ކުށްތަކުގައި ހައްޔަރުކުރާ ބައެއް މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ވަކީލެކެވެ. ސުޕްރީމް ކޯޓުން 2015 ގައި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން އެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.
ޔާމީންގެ މަރުގެ މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކޮށްދިނުމަށް އެދި ގިނަ ބަޔަކު ގޮވާލަމުން އަންނައިރު، އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ނަމަވެސް އެ ހަ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަކަށް އާންމެއް ނުކުރެ އެވެ.
ޔާމީންގެ މަރުގެ ތަހުގީގަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ ހެކި އިތުރަށް ތަހުލީލުކުރަން ރާއްޖެއިން ބޭރުގެ ފޮރެންސިކް ލެބޯޓަރީތަކަށް ފޮނުވައިގެން، ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ޔާމީނަށް އިންސާފު ހޯދައިދިނުމަށް އެދި ރާއްޖެ އާއި ސްރީ ލަންކާގައި ވަނީ އެއްވުންތައް ވެސް ބާއްވައިފަ އެވެ.