ހަތް ނޮމިނޭޝަނާ އެކު ބެޓް އެވޯޑްސްގެ ކުރީގައި ބިޔޯންސޭ
ހަތް ނޮމިނޭޝަނާ އެކު ބެޓް އެވޯޑްސްގެ ކުރީގައި ބިޔޯންސޭ

އަންނަ މަހު ބާއްވާ ބްލެކް އެންޓަޓެއިންމެންޓް އެވޯޑްސް ނުވަތަ ބެޓް އެވޯޑްސްގެ ހަތް ނޮމިނޭޝަނާ އެކު، މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ، ނޮމިނޭޝަންގެ ކުރި ހޯދައިފި އެވެ. މިހާރު އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ފަންނާނު ނޮމިނޭޓްވެފައި ވަނީ އޭނާގެ އެންމެ ފަހުގެ އަލްބަމް "ލެމަނޭޑް" އިންނެވެ.

އެމެރިކާގެ ކަޅު ނަސްލުގެ މީހުންނާއި ބައި މަދު ނަސްލުތަކުގެ ފަންނާނުންނަށް ހާއްސަކޮށްފައިވާ މި އެވޯޑްސްގެ މި ފަހަރުގެ ނޮމިނޭޝަންތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބިޔޯންސޭ ހަތް ކެޓަގަރީއަކުން ވާދަކުރާ އިރު، އޭނާގެ ކޮއްކޮ ސޮލޭން ތިން ކެޓަރީއަކުން ބިޔޯންސޭއާ ވާދަ ކުރާ ކަމެވެ. އޭނާ ވަނީ ޖުމްލަ ހަތަރު ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ.

ބިޔޯންސޭ ނޮމިނޭޓްވެފައިވާ ހަތް ކެޓަގަރީއަކީ ބެސްޓް ފީމޭލް އާރްއެންޑްބީ/ޕޮޕް އާޓިސްޓް، ބެސްޓް ކޮލަބްރޭޝަން، ވީޑިއޯ އޮފް ދި އިޔާ، ވީޑިއޯ ޑިރެކްޓަ އޮފް ދި އިޔާ، އަލްބަމް އޮފް ދި އިޔާ އަދި ކޮކޯ ކޯލާ ވީވާސް ޗޮއިސް އެވޯޑެވެ.

މި ކެޓަގަރީތަކުން ބިޔޯންސޭއާ ވާދަކުރާ ފަންނާނުންގެ ތެރޭގައި ބެސްޓް ފީމޭލް އާރްއެންޑްބީ/ޕޮޕް އާޓިސްޓް ކެޓަގަރީން ކެހްލާނީ، ރިހާނާ، މެރީ ޖޭ. ބްލިގް އަދި ސޮލޭން އެވެ.

ބެސްޓް ކޮލަބްރޭޝަން ކެޓަގަރީ އަށް ބިޔޯންސޭއާ އެކު ވާދަ ކުރަނީ ޗާންސް ދަ ރެޕާ، ކްރިސް ބްރައުން، ޑީޖޭ ހާލިދް، މިގޯސް އަދި ރައޭ ސްރެމާޑް އެވެ.

ވީޑިއޯ އޮފް ދި އިޔާ އަށް ބިޔޯންސޭއާ އެކު "ސޮރީ" އިން ވާދަ ކުރާ ފަންނާނުންގެ ތެރޭގައި ހިމެނެނީ ބިގް ޝޯން (ބައުންސް ބެކް)، ބްރުނޯ މާސް (24ކޭ މެޖިކް)، މިގޯޒް (ބޭޑް އެންޑް ބައުޖީ) އަދި ކްރޭންސް އިން ދަ ސްކައި އިން ސޮލޭން އެވެ.

ޑިރެކްޓަ އޮފް ދި އިޔާ އަށް ބިޔޯންސޭގެ "ސޮރީ" އާ އެކު ވާދަ ކުރަނީ ބެނީ ބޫމް (ކްރައިޒް)، ބްރޫނީ މާސް އާއި ޖޮނަތަން ލިއާ (ދެޓްސް ވަޓް އައި ލައިކް)، ޑިރެކްޓަ އެކްސް (ލައިކް އައި ވުޑް) އަދި ހައިޕް ވިލިއަމްސް (ގުޗީ ސްނޭކްސް ފީޓް ޑިޒައިނާ) އެވެ.

ބިޔޯންސޭގެ "ލެމަނޭޑް" އާ އެކު އަލްބަމް އޮފް ދި އިޔާ އަށް ވާދަ ކުރަނީ 24ކޭ މެޖިކް (ބްރޫނޯ މާސް)، 4 ޔޯ އައިޒް އޮންލީ (ޖޭ ކޯލް)، އަ ސީޓް އެޓް ދަ ޓޭބަލް (ސޮލޭން) އަދި ކަލަރިން ބުކް (ޗާންސް ދަ ރެޕާ) އެވެ.

ކޮކޯ ކޯލާ ވީވާސް ޗޮއިސް އެވޯޑަށް ބިޔޯންސޭއާ އެކު ވާދަ ކުރަނީ ބްރޫނޯ މާސް، ޑްރޭކް، މިގޯޒް، ރައޭ ސްރެމާޑް އަދި ދަ ވީކެންޑް އެވެ.

ބްލެކް އެންޓަޓައިންމަންޓް ޓެލެވިޒަނުން ބެޓް އެވޯޑު ދޭން ފެށީ 2001 ވަނަ އަހަރު އެވެ. މި ފަހަރުގެ އެވޯޑް ހަފުލާ އޮންނާނީ ޖޫން މަހުގެ 25 ވަނަ ދުވަހު ލޮސް އެންޖަލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުގަ އެވެ.