16 މެއި 2017 - 19:02

މަންދު ކޮލެޖުގައި ބިޒްނަސް ކިޔަވަމުން އަންނަ ދަރިވަރުން، މެލޭޝިޔާގައި ހުންނަ ބްރިކްފީލްޑްސް އޭޝިޔާ ކޮލެޖު (ބީއޭސީ) ގައި ތައުލީމް ހާސިލްކުރެވޭނެ ގޮތް ހަމަޖައްސައިފި އެވެ.
އެ ކޮލެޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަންދު ކޮލެޖުގެ ޑިރެކްޓާ މޮނިޓަރިން އިބްރާހިމް ރަޝީދު ވިދާޅުވީ އެ ކޮލެޖުގައި ފައުންޑޭޝަން ނިންމުމަށްފަހު، މެލޭޝިޔާގައި ހުންނަ ބީއޭސީއަށް ޑިގްރީ ޕްރޮގްރާމަށް ގުޅޭނެ ކަމަށެވެ. އެތަނުގައި ކޯސް ފުރިހަމަ ކުރުމުން ޔޫކޭގެ ސެޓްފިކެޓެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެލޭޝިޔާގައި ހިންގާ ބީއޭސީން އަންނަނީ ދުނިޔޭގެ 25 ޔުނިވާސިޓީއަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގަމުންނެވެ.
ރަޝީދު ވިދާޅުވީ މަންދު ކޮލެޖުން ހިންގާ ފައުންޑޭޝަން ޕްރޮގްރާމް ބީއޭސީން ގަބޫލުކޮށްފައިވާ ކަމަށާއި ޑިގްރީގެ ފުރަތަމަ އަހަރު މަންދު ކޮލެޖުގައި ކިޔެވުމަށްފަހު ބީއޭސީގައި ކޯހުގެ ބާކީބައި ފުރިހަމަ ކުރެވޭނެ ކަމަށެވެ.
"ބީއޭސީގައި ކިޔެވުމަށްފަހު ފައިނެންޝަލީ ދަތިވެގެން އަންނަން ބޭނުން ވެދާނެ. އަނެއްކާ ވެސް މަންދު ކޮލެޖުން އެ ދަރިވަރުގެ ކިޔެވުން ފުރިހަމަ ކުރެވޭނެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ރަޝީދު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއޭސީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ލިއޮނާޑް ވިދާޅުވީ ފެންވަރު ރަނގަޅު މަތީ ތައުލީމެއް ހާސިލްކުރުމަށް ޔޫކޭއަށް ދިޔުމަކީ ހަރަދުބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން މެލޭޝިޔާގައި ކިޔަވައިގެން މަތީ ފެންވަރުގެ ސެޓްފިކެޓެއް ލިބުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބީއޭސީގެ އަމާޒަކީ ހެޔޮ އަގެއްގައި ޔޫކޭގެ މަތީ ތައުލީމް ހާސިލްކޮށްދިނުން ކަމަށެވެ. އެހެންކަމުން މަންދުއާ ގުޅިގެން ހަދާފައިވާ އެއްބަސްވުމުގެ ސަަބަބުން ދަރިވަރުންނަށް، ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.