މި ސަރުކާރުގެ ބިލްތަކެއް ނުދައްކައެއް ނުހުންނާނެ: ފިނޭންސް މިނިސްޓަރު
މި ސަރުކާރުގެ ބިލްތަކެއް ނުދައްކައެއް ނުހުންނާނެ: ފިނޭންސް މިނިސްޓަރު

ދައުލަތުން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން އަންނަ ކަމަށާއި މި ސަރުކާރުން ދައްކަން ޖެހޭ ބިލްތައް ނުދެއްކި ނުހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަަކަދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"އަޅުގަނޑުމެން، ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ޕެންޑިން ބިލްސްތައް [ނުދެއްކި ހުރި ބިލްތައް] ކްލިއާކުރަން. މިއީ ބައެއް ސަރުކާރުތަކަށް ނުކުރެވިހުރި ކަމެއް. މި ސަރުކާރުން ނުހުންނާނެ ބިލްތަކެއް ނުދެއްކިއެއް،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ފައިސާ ނުދެއްކި ވަރަށް ގިނަ ބިލްތަކެއް ހުރި ކަމަށެވެ. އޭގެ ތެރެއިން ދެ ބިލިއަނެއްހާ ރުފިޔާ މިހާރު ދައްކާ ހަލާސްކޮށްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މި ސަރުކާރުން ނުހުންނާނެ ބިލްތަކެއް ނުދެއްކިއެއް. އިރާދަކުރެއްވިއްޔާ ބިލްތައް ހުންނާނީ ދައްކާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހަރަދުތައް އާއްމުކުރަމުން އަންނަ ކަމަށެވެ. ސަރުކާރުން ކުރާ ހަރަދުތަކާއި އާމްދަނީ ދެފުށް ފެންނަ ގޮތަކަށް އާއްމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން މާޗް މަހުގެ ނިޔަލަށް އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި އިއްޔެގެ ނިޔަލަށް 7.5 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މިނިސްޓަރު މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓް ހުށަހެޅުއްވި ގޮތަށް އާމްދަނީ އާއި ހަރަދުތައް އެއްދިމާލަކަށް ބައްޓަންކުރެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއާއެކު ވަރަށް ބޮޑަށް މަސައްކަތްކުރަމުން މިދަނީ ކޭޝްފްލޯ ފޯކާސްޓްކުރަމުން. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އާއި ހަރަދުތައް މެޗް [ދިމާކުރުމަށް] ކުރުމަށްޓަކައި. މިކަމުގައި ހުރިހާ މުއައްސަސާތަކުން ވަރަށް ބޮޑަށް މަސައްކަތްތަކެއްކުރޭ،" މުނައްވަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ލަސްވަނީ ރަނގަޅަށް ކޭޝްފްލޯ ކުރިޔަށް ލަފާނުކުރެވޭތީ ކަމަށެވެ.