17 މެއި 2017 - 06:42

ވިންޑޯޒް އެކްސްޕީ އަށް ޚިދުމަތްދިނުން މައިކްރޮސޮފްޓުން ވަނީ އަހަރުތަކެއް ކުރިން ހުއްޓާލާފަ އެވެ. ބޭނުމަކީ އާ އޮޕަރޭޓިން ސިސްޓަމްތަކުގެ ވިޔަފާރި ރަނގަޅުކޮށް، ބޭނުންކުރާ މީހުންނަށް ވެސް އާ ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.
އޮޕަރޭޓިން ސިސްޓަމެއް ނުވަތަ ސޮފްޓްވެއާ އެޕްލިކޭޝަނެއް މުސްކުޅިކުރުމަށް ފަހު، ސެކިޔުރީ އަޕްޑޭޓްތައް އަދި ހާޑްވެއާ ސަޕޯޓް ދިނުމަކީ ނުކުރާކަމެކެވެ. އެހެން ނަމަވެސް ދާދި މިދާކަށް ދުވަހު، ފަތުއަޑުކިޔާފައި، ފެތުރިގަތް "ރޭންސަމްވެއާ"އެއްގެ ސަބަބުން، ވިންޑޯޒް އެކްސްޕީ އަށް ސެކިޔުރިޓީ ޕެޗެއް އުފައްދައިދިނުން މައިކްރޮސޮފްޓަށް މުހިންމު ކަމަކަށް ވީ އެވެ.
ވިންޑޯޒް އެކްސްޕީ ދޫކޮށްލައި، ވިންޑޯޒް އާކުރަން މައިކްރޮސޮފްޓުން އަބަދު ވެސް ނަސޭހަތްތެރި ވެ އެވެ. އެހެން ނަމަވެސް، މަސްރަހު ދިރާސާކުރާ ކުންފުނިތަކުން ބުނާ ގޮތުގައި، ވިންޑޯޒް މާކެޓްގައި، ވިންޑޯޒް އެކްސްޕީ އަދިވެސް ހިއްސާވެ އެވެ. "ސްޓެޓްކައުންޓާ" އަދި "ނެޓް އެޕްލިކޭޝަންސް" އިން ލަފާކުރާ ގޮތުގައި، އެ އަދަދު 5 ޕަސެންޓް ނުވަތަ 7 ޕަސެންޓަށް އަރާނެ އެވެ.
މައިކްރޮސޮފްޓުން ވިންޑޯޒް އެކްސްޕީ އަށް ޚިދުމަތްދިނުން ރަސްމީކޮށް ހުއްޓާލީ 2014 ގަ އެވެ. ވިންޑޯޒް އެކްސްޕީ ބޭނުންކުރާ މީހުން އެކަމާ ހިތާމަކުރި ނަމަވެސް، އިތުރު ބަދަލެއް ނަ އެވެ.
ސެކިޔުރިޓީ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި 200،000 އަށް ވުރެ ގިނަ ކޮމްޕިއުޓަރަށް "ވޮނަކްރިޕްޓް" "ރޭންސަމްވެއާ"ގެ އުނދަގޫ ވަނީ ފޯރާފަ އެވެ. އޭގެ ތެރޭގައި ވިންޑޯޒް އެކްސްޕީ ކޮމްޕިއުޓަރު ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މައިކްރޮސޮފްޓުން ބުނާ ގޮތުގައި، ޚިދުމަތް ހުއްޓާލާފައި ވީ ނަމަވެސް، ބޭނުންކުރާ މީހުންނަށް ނުރައްކާ ވެދާނެ ހާލަތްތަކުގައި، އެ އެޕްލިކޭޝަންތަކަށް އަޕްޑޭޓް ދޭނެ އެވެ.