17 މެއި 2017 - 10:09

އަލުން ގާ އަތުރައި މަރާމާތު ކުރަމުން އަންނަ މަޖީދީ މަގުގެ މަސައްކަތް ރޯދަމަހަށް މެދުކަނޑާލައި، މަގު އެއްކޮށް ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން މަޖީދީ މަގު އެއްކޮށް ހުޅުވާލާފައިވާ އިރު ފިތުރު އީދުގެ ފަހުން މަގު ހެދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.
މަޖީދީ މަގު އަލުން ހެދުމަށް މިދިޔަ އަހަރު ފެށި މަޝްރޫއުގެ ދަށުން، އެ މަގުގެ ތިން ބައި ކުޅަ ދެ ބައިގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މަގުގެ ހުޅަނގު ކޮޅުން ހަދަން ފެށި މަގު މިހާރު ވަނީ އަލިކިލެގެފާނު މަގާ ހަމަ އަށް ނިންމައިފަ އެވެ. އަދި އޭގެ އިރުމައްޗަށް އޮތް ބައި ހެދުމަށް އަލިކިލެގެފާނު މަގުން ފެށިގެން އޮލިމްޕަހާ ހަމަ އަށް އޮތީ ބަންދުކޮށްފަ އެވެ.
މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ އެ މަސައްކަތް ކުރާ މަޖީދީ މަގުގެ ބޮޑު ސަރަހައްދެއް ބަންދުކޮށްގެންނެވެ. އެހެންވެ، ވޭތުވެ ދިޔަ ދުވަސްތަކުގައި އެ މަގާ ގުޅިފައިވާ ޓްރެފިކް ފްލޯ އަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގުގައި މިހާރު ހުރި ގާތައް ނެގުމަށް ފަހު، ފެން ހިންދުމުގެ ނިޒާމު ވެސް ރަނގަޅުކޮށް، އާ ގާ އެތުރުމަށް ފަހު ޕޭމަންޓުވެސް އަންނަނީ ހަދަމުންނެވެ.
މަޖީދީމަގު ނިންމައި މާލޭގެ އިތުރު 13 މަގެއް އަލުން ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މާލޭގެ މަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ބައެއް މަގުތައް ވަރަށް ބޮޑަށް ހަލާކުވުމުންނެވެ. އޭގެ އިތުރުން މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު މަޝްރޫއުއާ އެކު މާލެ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަލުން ހަދަން ޖެހޭ ގިނަ މަގުތަކެއް ހުރުމާ އެކު އޭގެ ތެރެއިން ވަރަށް ގިނަ މަގުތައް ރަނގަޅު ފެންވަރަކަށް ބަދަލުކޮށް، މިހާރުގެ އާންމު ޝަކުވާތައް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.