ޓްރަމްޕުގެ އިޒްރޭލް ދަތުރުފުޅަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި
ޓްރަމްޕުގެ އިޒްރޭލް ދަތުރުފުޅަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

ތެލް އަވީވް (މެއި 22) - އިޒްރޭލާއި ފަލަސްތީނުގެ ބިންތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކުރައްވާ ދަތުރުފުޅަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ޓްރަމްޕުގެ ދެ ދުވަހުގެ ދަތުރުފުޅުގައި އިޒްރޭލާއި ފަލަސްތީނުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެ އެވެ. ގުދުސްގައި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ މާދަމާ ހުޅަނގު އައްސޭރީގެ ބައިތުލެހަމްގައި ބައްދަލު ކުރައްވާނެ އެވެ. ޓްރަމްޕް ވަނީ އިޒްރޭލާއި ފަލަސްތީނަށް ސުލްހަ ހޯދޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ ދަތުރުފުޅާ ދިމާކޮށް އިޒްރޭލުގައި ވަނީ ވަރުގަދަ ސެކިއުރިޓީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ޓްރަމްޕުގެ މި ދަތުރުފުޅުގައި ތެލް އަވީވަށް ވެސް ވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ ގާތް ގުޅުމެއް ޓްރަމްޕް ދަނީ އިޒްރޭލާ އެކު ބާއްވަމުންނެވެ. އިޒްރޭލުން ޔަހޫދީންނަށް ގެދޮރު އަޅާ މައްސަލާގައި އެމެރިކާ އިން ރައްދު ދީފައި ވަނީ ލުއި ގޮތަކަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އިޒްރޭލުގެ ރައްޔިތުންނަށް ހިތްހަމަ ޖެހުން ލިބުނު ނަމަވެސް ފަލަސްތީނު މީހުންގެ ރުޅިވެރިކަން ވަނީ އިތުރުވެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓްރަމްޕުގެ ރާގު ވަނީ ބަދަލުވެފަ އެވެ. ޓްރަމްޕް ވަނީ އެމްބަސީ ބަދަލު ކުރުމާ މެދު ވިސްނަވާނެ ކަމަށް ފަހުން ވިދާޅުވެފަ އެވެ.