24 މެއި 2017 - 06:11

އިންޑިޔާ ކަނޑުގެ ޖަޒީރާ އެހެން ރަށްރަށާ އެރަށް ތަފާތެއް ނޫނެވެ. ނަމަވެސް މަައުލޫމާތު ހުރި މީހުންގެ އިންޒާރަކީ އެއްވެސް މީހަކު އެރަށާ ކައިރިނުވުމެވެ.

ނޯތު ސެންޓެނީލް އައިލެންޑަކީ އިންޑިޔާގެ އަންޑަމަން އާއި ނިކޮބޯ އައިލެންޑްސްގެ ބައެކެވެ. ބޭ އޮފް ބެންގޯލް ކަނޑުގައި އެ ރަށް އޮންނަނީ މިޔަންމާ އާއި އިންޑޮނީޝިޔާއާ ދެމެދުގަ އެވެ.
ސެންޓެނީލްގައި ދިރިއުޅޭ ގަބީލާ އެތަނުގައި ވަޒަންވެރިވެގެން އުޅޭތާ މިހާރު 60،000 އަހަރު ވެދާނެ ކަމަށް، ކަމާ ބެހޭ އިލްމުވެރިން ލަފާކުރެ އެވެ. އެހެން ބަޔަކު އެ ރަށަށް ގޮސް، ޒަމާނީ ގޮތްތައް ތައާރަފުކުރަން އެ މީހުން މުޅިން ދެކޮޅެވެ. އެހެންވެ ބޭރު މީހަކު އެ ރަށަށް އަރައިފި ނަމަ އެމީހުންނަށް ވަރަށް އަނިޔާކުރެ އެވެ. މީގެ 10 އަހަރު ކުރިން މަހަށް ނުކުމެ އުޅެނިކޮށް ބެހިގެން އެ ރަށަށް ދެވުނު ދެ މީހަކު ވަނީ މަރާލައިފަ އެވެ.
އެ ރަށް މަތިން ހެލިކޮޕްޓަރާއި މަތިންދާބޯޓު ދަތުރުކުރިޔަސް ރަށްވެހިން ނުކުމެ ތީރާއި ގަލުން ހަމަލާ ދޭން މަސައްކަތްކުރެ އެވެ. ރަށަށް އަރައި، ނުވަތަ ދުރުން ނަމަވެސް އެކަން ކުރެވޭ ގޮތް ނުވާތީ މިހާތަނަށް އެ މީހުންގެ ސާފު ފޮޓޯއެއް ވެސް ލިބިފައެއް ނުވެ އެވެ.
މި ރަށުގެ އާބާދީ އަކީ ކިހާ ވަރެއް ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި 50 އާއި 500 އާ ދެމެދުގެ އަދަދަކަށް މީހުން އުޅޭނެ އެވެ. ސުނާމީގައި ގިނަ ބަޔަކު މަރުވި ކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެ އެވެ. އެކަމަކު އެ ރަށަށް އަރައިގެން އެކަން ސާފުނުކުރެވޭތީ އެ ހާދިސާގެ ގެއްލުން މުޅިން ޔަގީނެއް ނޫނެވެ.
ހަދިޔާ އަށް ކާނާ އާއި އަންނައުނު ދިނަސް އެމީހުން އަޅައެއް ނުލަ އެވެ. އެހެންކަމުން 2004 ގެ ސުނާމީގައި އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރުމުން ވެސް އެކަމާ އެމީހުން ދެކޮޅުހެދި އެވެ.
މި މީހުން ދިރިއުޅެނީ ބޯ ޖަންގަލީ ތެރޭގަ އެވެ. އާންމުކޮށް އެމީހުން ކައިބޮއި އުޅެނީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެ އެވެ. ލަފާކުރެވޭ ގޮތުގައި އާންމު ކެއުމަކީ މޭވާ އާއި މަހުގެ ބާވަތްތަކެވެ. ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް އެ މީހުން ކުރާ ކަމަކަށެއް ނުބެލެވެ އެވެ.
އިންޑިއާ ސަރުކާރުން ވަނީ އެ މީހުންނަށް އެހީ ފޯރުކޮށްދޭން އެތައް މަސައްކަތެއް ކޮށްފަ އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. އެހެންވެ އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ކަނޑައަޅާފައި ވަނީ ރަށުގެ ވަޒަންވެރިންގެ ތެރެއިން އެއްވެސް މީހަކާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ ޖިނާއީ ކުށެއްގެ ގޮތުގަ އެވެ. އަދި އެ ރަށާ ތިން މޭލު ކައިރިއަށް ދިއުމަކީ ވެސް މަނާ ކަމެކެވެ. ނަމަވެސް އެ ރަށާ ގާތަށް ދެވޭތޯ ވަގަށް މަސައްކަތް ކުރާ މީހުން އުޅެ އެވެ.
މިއީ ދުނިޔޭގައި ގަދީމީ ބަޔަކަށް ވާތީ އެ މީހުން ހިމާޔަތްކުރަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން މަސައްކަތް ކުރެ އެވެ. އެގޮތުން ސަވައިވަލް އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ބައެއް މަސްވެރިން މިހާރު ވެސް އެ ރަށަށް ވަގަށް އަރަ އެވެ. އެ އަމަލާ ގުޅިގެން ބައެއް މީހުން ހައްޔަރު ވެސް ކުރި ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
މިހާ އެކަހެރިކޮށް އުޅޭ ބަޔަކަށް ވާތީ އެހެން އިންސާނުން އެ މީހުންގެ ތެރެއަށް ވަދެއްޖެ ނަމަ ހީނުކުރާ ފަދަ ނުރައްކާތައް ވެސް ކުރިމަތިވެދާނެ ކަމަށް، އެ ދާއިރާގެ އިލްމުވެރިން ގަބޫލުކުރެ އެވެ. އެގޮތުން އިންސާނުންގެ ހަށިގަނޑުގައި ހުންނަ ވަރަށް އާދައިގެ ބައްޔަކުން ވެސް އެ ގަބީލާ މީހުން މަރުވެދާނެ އެވެ. ސަބަބަކީ އެހެން އިންސާނުންނަށް އާދައިގެ ބަލިތަކުން ސަލާމަތްވެވުނަސް އެ މީހުންގެ ހަށިގަނޑުގައި ދިފާއީ ނިޒާމު އެގޮތަށް ތަރަައްގީވެފައި ނެތުމެވެ. އެހެންކަމުން ބައްޔެއްގައި ގަބީލާގެ އެންމެން މަރުވުމުގެ ބިރު ވެސް އޮތް ކަމަށް ސައިންސްވެރިން ދެކެ އެވެ.