ބާސެލޯނާއާ ހަވާލުވާން ވަލްވޭޑޭ ބިލްބާއޯ ދޫކޮށްލައިފި
ބާސެލޯނާއާ ހަވާލުވާން ވަލްވޭޑޭ ބިލްބާއޯ ދޫކޮށްލައިފި

ބިލްބާއޯ، ސްޕެއިން (މެއި 24) - ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށް، އެތުލެޓިކޯ ބިލްބާއޯގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ އެ މަގާމް ދޫކޮށްލައިފި އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ އަންނަ ހޯމަ ދުވަހު އެ ޓީމުގެ އާ ކޯޗު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން ވަނީ ސްޕެއިނުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ވަލްވޭޑޭއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

ބާސެލޯނާ އާ ކޯޗު މީޑިއާ އަށް ތައާރަފްކުރަން ނިންމާފައިވަނީ ކޮޕަ ޑެލްރޭ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުރިން ބާސެލޯނާ އަށް ކުޅެފައިވާ ވަލްވޭޑޭ ބިލްބާއޯ ދޫކޮށްލަން ނިންމާފައިވާކަން އެ ކްލަބުން ވަނީ އިއުލާން ކޮށްފަ އެވެ. ބިލްބާއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަލްވޭޑޭއާ އެކު އެ ޓީމުން ހަދާފައިވާ އެއްބަސްވުމަށް މި ސީޒަނަށް ފަހު އަމަލުނުކުރާނެ ކަމަށާއި އޭނާ އަންނަ ސީޒަނުގައި އެ ޓީމަށް އިރުޝާދު ނުދޭނެ ކަމަށެވެ.

ވަލްވޭޑޭ ވަނީ 1988 އިން 1990 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ. އޭނާ ވަނީ އެ މުއްދަތުގައި އެޓީމާ އެކު ކޮޕަ ޑެލްރޭ އާއި ޔޫއޭފާ ކަޕް ވިނާސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރާއި ވިޔަރެއާލާއި އަދި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ.

ބާސެލޯނާ އިން ވަލްވޭޑޭ ގެންނަން ނިންމީ ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީއާ މަޝްވަރާ ކުރުމަށް ފަހު އެވެ. ސަމްޕައޮލީ ބާސެލޯނާއާ ހަވާލުނުވީ އޭނާގެ ހުށަހެޅުންތަކަށް ފުރަގަސްދިނުމުންނެވެ.