"ސްޕެއިނުގެ ކާމިޔާބީގެ ސިއްރަކީ ސްކޮޑުގެ ވާދަވެރިކަން"
"ސްޕެއިނުގެ ކާމިޔާބީގެ ސިއްރަކީ ސްކޮޑުގެ ވާދަވެރިކަން"

ޕެރިސް، ފްރާންސް (ޖޫން 20) - ސްޕެއިނުގެ ކާމިޔާބީގެ ސިއްރަކީ އެ ޓީމުގެ ސްކޮޑުގެ ތެރޭގައި އޮތް ވާދަވެރިކަން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ބުނެފި އެވެ.

ސްޕެއިން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން މާދަމާރޭ ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ.

"ސްޕެއިނުގައި އެބަތިބި އެއް މަގާމަކަށް މޮޅަށް ކުޅެވޭ ވަރަށް ބައިވަރު ކުޅުންތެރިން. އެހެންވެ ސްޕެއިނުގެ ތަމްރީންތަކުގައި ވެސް ހުރިހާ ކުޅުންތެރިން ވެސް ސަތޭކަ ޕަސެންޓް މަސައްކަތްކުރޭ ފުރުސަތު ހޯދަން. ސްޕެއިނުގެ ކާމިޔާބީގެ ސިއްރަކީ އެއީ،" މެންޗެސްޓާ ސިޓީއަށް ކުޅޭ ސިލްވާ ބުންޏެވެ.

އޭނާ ބުނީ މާދަމާރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކޮންމެ ބަޔަކު ފުރަތަމަ 11 ގައި ހިމެނުނަސް އެެ ކުޅުންތެރިންނާ މެދު އިތުބާރު އޮންނާނެ ކަމަށެވެ. އަދި އޭނާ އަށް ފުރުސަތު ދީފި ނަމަ ބޭނުންކުރާނެ ކަމަށާއި އެކަމަކު އެހެން ކުޅުންތެރިން ވެސް އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ ކަމަށް ސިލްވާ ބުންޏެވެ.

ސިލްވާ ބުނީ ދެ ވަނަ ބުރުގައި ވާދަކުރަން ޖެހޭނެ ޓީމަކާ މެދު އަދި ނުވިސްނާ ކަމަށާއި މި ވަގުތު ވިސްނަނީ މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ހޯދައި ގްރޫޕުގެ އެއް ވަނަ ހޯދަން ކަމަށެވެ.