އިންސާނަކު ނުރައްކަލަށް ހުށަހެޅި މީހާ އަށް އެވޯޑް ދިނުމުން ފާޑުކިޔުން
އިންސާނަކު ނުރައްކަލަށް ހުށަހެޅި މީހާ އަށް އެވޯޑް ދިނުމުން ފާޑުކިޔުން

ސްރީނަގަރު (މެއި 25) - ކަޝްމީރުގެ މުސްލިމަކު ޖިޕެއްގައި ބަނދެ މީހުންގެ ތެރޭގައި ދުއްވި އިންޑިއާ ސިފައިންގެ މީހާ އަށް އެވޯޑް ދިނުމުން ފާޑު ކިޔުންތައް އިތުރުވެއްޖެ އެވެ.

ޖިޕުގައި ބަނދެފައި ބޭއްވި ފާރޫގު އަހުމަދު ދާރު ބުނީ އޭނާގެ ފުރާނަ އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. އަދި އެކަން ކުރި އޮފިސަރަށް އަދަބު ދިނުމުގެ ބަދަލުގައި އެވޯޑް ދިނުމުން ހައިރާންވާ ކަމަށް އޭނާ ބުންޏެވެ. ސިފައިންގެ އޮފިސަރުގެ އަނިޔާވެރިކަން ދެން މާބޮޑުވާނެ ކަމަށް ވެސް ދާރު ބުންޏެވެ.

މުސްލިމަކު ޖިޕުގައި ބަނދެގެން ދުއްވި ސިފައިންގެ މީހާ ބުނީ އޭނާ އެކަން ކުރީ އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރަން ކަމަށެވެ. އޭނާ ކުރި ކަންތައް ދިފާއުކޮށް ނޫސްވެރިންނާ ވާހަކަ ދައްކަމުން މޭޖާ ނިޓިން ގޮގޮއި ބުނީ އޭނާ ބަޑި ޖެހި ނަމަ އެތައް ބަޔަކު ޒަޚަމްވާނެ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އިންޑިއާ ސިފައިންނާ ދިމާލަށް ގާއުކާ ކޮންމެ މީހަކަށް އެހެން ހަދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ކަމަށެވެ.

އެކަމަކު ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވިދާޅުވީ ސިފައިންގެ ނިންމުން މުޅިން ގޯސް ކަމަށެވެ. އިންޑިއަން އެކްސްޕްރެސްގައި ޚިޔާލު ފާޅުކުރައްވަމުން އުމަރު އަބްދުﷲ ވިދާޅުވީ ސިފައިން އެކުރި ކަންތަކުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަަށެވެ. އަދި އިންސާނުން އައްޑަނައަކަށް ހަދުން އެއީ ރަނގަޅު ކަމެއް ކަމަށް ކަޝްމީރުގައި ނިންމާފައިވާ ކަމަށް އުމަރު އަބްދުﷲ ވިދާޅުވި އެވެ.

ކަޝްމީރުގައި އުރުދޫ ބަހުން ނެރޭ ނޫހަކުން ބުނެފައި ވަނީ އެއީ އިންޒާރެއް ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ޚިލާފުވި ނަމަވެސް ސިފައިންގެ އަގު ވަޒަންކުރާކަމުގެ ހެއްކެއް ކަމަށެވެ.

ކަޝްމީރުގެ ޖަމާއަތެއް ކަމަށްވާ ހުއްރިއްޔާގެ ޗެއާމަން ސައިދު އަލީ ގީލާނީ ވިދާޅުވީ ސިފައިންގެ އަމަލަކީ ބޮޑު ލަދެއް ކަމަށެވެ. ހިއުމަން ރައިޓްސް އިންޑިއާ އިން ބުނީ އިންސާނީ ހައްގުތަކާ ޚިލާފުވުމަކީ އިންޑިއާ ސިފައިންނަށް ރަނގަޅު ކަމެއް ކަމަށް ގަބޫލް ކުރާކަން ދޭހަވެއްޖެ ކަމަށެވެ.