29 މެއި 2017 - 14:07

ވޮޝިންޓަން (މެއި 29) - އެމެރިކާ އަށް ދަތުރު ކުރާ ބައިނަލްއަގުވާމީ ހުރިހާ އެއާލައިނެއްގެ ވެސް ކެބިންގައި ލެޕްޓޮޕް ގެންދިއުން މަނާ ކުރުމާ މެދު ވިސްނަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޖޯން ކެލީ ވިދާޅުވެއްޖެ އެވެ.
ޖޯން ކެލީ ވިދާޅުވީ އެމެރިކާ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ ބޮޑު ކަމަށާއި ޓެރަރިސްޓުން އަދިވެސް ބަލަނީ އެ ގައުމުގެ މަތިންދާ ބޯޓެއް ގޮއްވާލެވޭތޯ ކަމަށެވެ.
އެމެރިކާ އިން މިހާރު ވެސް ވަނީ މުސްލިމް އަށް ގައުމަކުން ދަތުރު ކުރާ މަތިންދާ ބޯޓުތަކުގައި ލެޕްޓޮޕް ގެންދިއުން މަނާކޮށްފަ އެވެ. މީގެ ދެ ހަފުތާ ކުރިން ވަނީ އެމެރިކާ އާއި އީޔޫގެ ގައުމުތަކާ ދެމެދު ދަތުރު ކުރާ ބޯޓުތަކުގެ ކެބިންގައި ލެޕްޓޮޕް ގެންގުޅުނު މަނާ ނުކުރަން ނިންމައިފަ އެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ކެލީ ވިދާޅުވީ ބައިންއަގުވާމީ ހުރިހާ ފްލައިޓެއްގެ ކެބިންގައި ލެޕްޓޮޕް އުފުލުމަކީ އޭގައި ހަގީގީ ނުރައްކަލެއް އޮތް ކަމެއް ކަމަށާއި އެހެންވެ އެކަން މަނާކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކެބިންގައި ލެޕްޓޮޕް އުފުލުން މަނާކުރަނީ އޭގައި ރައްކާކޮށްގެން ފްލައިޓްތަކަށް ގޮވާތަކެތި އަރުވަފާނެކަމުގެ ނުރަައްކާ ބޮޑުވަމުން އަންނާތީ ކަމަށް އޮފިޝަލުން ބުނެ އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ހޯމްލޭންޑް ސެކިއުރިޓީ އިން ބުނީ މި ފިޔަވަޅު އެޅީ މަތިންބޯޓާއި އެއާޕޯޓްތަކުގައި މިދިޔަ ދެ އަހަރު ހިނގި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ލެޕްޓޮޕާއި އެހެން ޓެބްލެޓްސް ކެބިންނަށް ނޭރުވޭތީ އެ ތަކެތި ދެން ގެންދަން ޖެހޭނީ ދޫކޮށްލާ ފޮށިތަކުގަ އެވެ.
އެމެރިކާ އިން މާޗު މަހު ވަނީ ސްމާޓްފޯނަކަށް ވުރެ ބޮޑު ޑިވައިސްތައް ބައެއް ގައުމުތަކުން އެމެރިކާ އަށް ދަތުރު ކުރާ ފްލައިޓްތަކުގެ ކެބިންގައި ގެންދިއުން މަނާކޮށްފަ އެވެ. އެ ގައުމުތަކަކީ ތުރުކީ، މޮރޮކޯ، ޖޯޑަން، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ސައުދީ އަރަބިއާ އަދި ކުވޭތެވެ. އިނގިރޭސި ވިލާތުން ވެސް ވަނީ ހަ ގައުމަކުން އަންން ފްލައިޓްތަކުގެ ކެބިންގައި ލެޕްޓޮޕް ގެންދިއުން މަނާކޮށްފަ އެވެ.
އެމިރޭޓްސް އިން ވަނީ ދަތުރުވެރިންނަށް ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިފަ އެވެ. އެގޮތުން ޗެކިން ވުމަށް ފަހު ވެސް އިލެކްޓްރޯނިކް ޑިވައިސްތައް ބޭނުންކުރެވެ އެވެ. އެ އެއްޗެހި ދޫކޮށްލަން ޖެހެނީ މަތިންދާބޯޓަށް އަރާ ވަގުތު އެވެ. އެކަމަށްޓަކައި މުޅިން ހިލޭ ބަންދުކޮށްދިނުމާއި ފޮނުވާދިނުމުގެ ޚިދުމަތް އެމިރޭޓްސް އިން، އެ އެއާލައިންގެ ދަތުރުވެރިނަށް ދެ އެވެ.