31 މެއި 2017 - 07:18

އެންމެ ބަރު އަންހެންމީހާ ކަމަށްވާ މިސްރުގެ އީމާން އަހުމަދުގެ ސިއްހަތަށް އެދެވޭ ބަދަލެއް އައިސްފައިވާ ކަމަށާއި މިދިޔަ 25 އަހަރު ތެރޭ މިހާރު އޭނާއަށް އަނގައިން ކެވެން ފަށާފައިވާ ކަމަށް، އޭނާއަށް ފަރުވާދޭ އަބޫ ދާބީގެ ބުރުޖީލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފި އެވެ. މީގެ ކުރިން އޭނާއަށް ކާން ދީފައި ވަނީ ނޭފަތަށް ހޮޅި ގުޅައިގެންނެވެ.
ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އީމާނަށް މިހާރު އަނގައިން ކެވޭ ކަމަށާއި އެންމެ ފުރަތަމަ ކާން ދޭން ފެށީ އިރަކު ދެތިން ސަމުސަލުގެ އެއްޗެހި ކަމަށެވެ. އަދި މަދުމަދުން އިތުރުކުރަމުން ގޮސް މިހާރު އިރަކު 15 ސަމުސަލުގެ އެއްޗެހި ކެވޭ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"އުފާވެރި ޚަބަރަކީ ފާއިތުވީ ދެ ދުވަހުގެ ތެރޭގައި އީމާންގެ ކެއުމަށް ރަނގަޅު ބަދަލެއް އައިސްފައިވާކަން. އެގޮތުން އޭނާއަށް ކާންދޭ އެއްޗެހީގެ ދެބައިކުޅަ އެއްބައި މިހާރު އޭނާ ކަނީ އަނގައިން އަމިއްލައަށް،" ބުރުޖީލް ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.
ޑޮކްޓަރުން ބުނީ މި މަހު ކުރީކޮޅު އިންޑިއާގެ މުމްބާއީން އަބޫ ދާބީ އަށް އޭނާ ބަދަލުކުރި ފަހުން 36 އަހަރުގެ އީމާންގެ ނަފްސާނީ ހާލަތަށް ވެސް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"މިހާރު އޭނާ ހިނިތުންވެ ޓީވީ ބަލާ އަދި އޭނާއަށް ގޮވާލަން އަންނަ މީހުންނާ މުއާމަލާތްކޮށް ހަދާ. އޭނާގެ އަޑު ރަނގަޅަށް ބޭރުވެ ދައްކާ ވާހަކަ ވެސް ވަރަށް ސާފުކޮށް އެނގޭ. އަދި އުނަގަނޑުން ތިރީގައި ވެސް މަޑުމަޑުން ވާގި ޖެހި ގުނަވަންތައް މިހާރު ހަރަކާތްކުރަން ވަނީ ފަށާފައި،" ހޮސްޕިޓަލުން ބުންޏެވެ.
ފަރުވާއަށް މުމްބާއީ އަށް ގެންދިޔައިރު އީމާންގެ ބަރުދަން 500 ކިލޯ އަށް ވުރެ ބަރެވެ. އިންޑިއާގެ ސައިފީ ހޮސްޕިޓަލުގައި ހެދި ބެރިއޭޓްރިކް ސާޖަރީ އަށް ފަހު އީމާންގެ ބަރުދަން ވަނީ 300 ވަރަކަށް ކިލޯ ލުއިވެފަ އެވެ.
އީމާން އަށް މިވަގުތު ފަރުވާކުރަނީ އަބޫ ދާބީގެ ބުރުޖީލް ހޮސްޕިޓަލުގެ ހެލްތު ކެއާ ޕްރޮފެޝަނަލުންގެ 20 މީހުންގެ ޓީމަކުންނެވެ. މި ޓީމުން ވަނީ ތިން ސްޓޭޖަކަށް ބަހަލާފައިވާ މޮޑެލް އެއް ތައްޔާރުކޮށް އީމާންގެ ފަރުވާ އާއި ފަސޭހަވަމުންދާ ގޮތް މޮނިޓާ ކުރަމުންނެވެ.