22 ޖޫން 2016 - 07:47

"ވީރް ދީ ވެޑިން" އަކީ ޒުވާން އަންހެންކުދިންނަށް ޚާއްސަކޮށްގެން އިންޑިޔާގައި އުފައްދާ ފުރަތަމަ ފިލްމުކަމަށް ފިލްމުގެ އެއް ބަތަލާ ކަރީނާ ކަޕޫރު ބުނެފި އެވެ. ކަރީނާ ބުނަނީ މީގެ ކުރިން އެފަދަ ފިލްމެއް އުފެއްދުމުގެ ހިތްވަރު އެއްވެސް މީހަކަށް ލިބިފައި ނެތް ކަމަށެވެ.
"ހީވަނީ މިއީ އިންޑިޔާގައި އުފައްދާ މިފަދަ ފުރަތަމަ ފިލްމުހެން. މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ ހަތަރު އަންހެންކުދިން. ހަތަރު އެކުވެރިން. މީގެ ކުރިން މިފަދަ ބައެއް ފިލްމުތައް ހުޅަނގުން އުފައްދާފައި ވިޔަސް ބޮލީވުޑުން މިހާތަނަށް މިޒާތުގެ ފިލްމެއްގެ އަޖުމަ ބަލާފައެއް ނުވޭ،" މުމްބައި މިރާއަށް ދީފައިވާ އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވެ އެވެ.
ކަރީނާގެ އެންމެ ފަހުން ރިލީޒްވި ފިލްމުގައި އޭނާ ކުޅެފައިވަނީ ވަރަށް އާދައިގެ ކެރެކްޓާއެކެވެ. ކަރީނާ ބުނަނީ ސިނަމާއަށް މިހާރު އަންނަމުންދާ ބަތަލާއެކު "ވީރް ދީ ވެޑިން" ކަހަލަ، އަންހެނުންނަށް ޚާއްސަކަން ދީގެން އުފައްދާ ފިލްމުތައް ބެލުންތެރިން ބަލާހިތްވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ކަރީނާ ގެ އިތުރުން "ވީރް ދީ ވެޑިން"ގައި ސޯނަމް ކަޕޫރު، ސްވާރާ ބާސްކަރް އަދި ޝިކާ ތަލްސާނިއާ ބައިވެރި ވެއެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސޯނަމްގެ ކޮއްކޮ ރިއާ ކަޕޫރާއި އެކްތާ ކަޕޫރެވެ.
ކަރީނާ ބުނަނީ މި ފިލްމަކީ އަންހެނުން ބާރުވެރިކުރުވުމުގެ ނަމޫނާއެއް ކަމަށެވެ. ފިލްމުގައި މުހިއްމު ރޯލުތައް ހަތަރު ބަތަލާއިން އަދާކުރާއިރު ޕްރޮޑިއުސަރުންނަކީ ވެސް ދެ އަންހެނުންނަށް ވާތީ އެވެ.