ބްރެޒިލްގެ ރައީސްގެ އަރިސް މީހަކު ފުލުހުން ހައްޔަރުކޮށްފި
ބްރެޒިލްގެ ރައީސްގެ އަރިސް މީހަކު ފުލުހުން ހައްޔަރުކޮށްފި

ސައޮ ޕޮލޯ (ޖޫން 4) - ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވެ ވެރިކަން ގެއްލުމާ ކައިރިވެފައިވާ ބްރެޒިލްގެ ރައީސް މިޝޭލް ޓެމާގެ ވަރަށް އަރިސް ބޭފުޅަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކޮންގްރެސްގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ރޮޑްރިގޯ ރޮޗާ ލޯރެސް ހައްޔަރުކުރި އިރު މިދިޔަ މަހު ވަނީ 500،000 ބްރެޒިލް ރިއައިސް (154،000 ޑޮލަރު) ހުރި ދަބަހެއް އޭނާ ގެންގުޅުއްވަނިކޮށް ޑިއޯކޮށް އާއްމުކޮށްފަ އެވެ. ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެއީ ރިޝްވަތުގެ ގޮތުގައި ވިޔަފާރިވެރިއެއްގެ އަތުން ނެގި ފައިސާ ކަމަށެވެ.

ބްރެޒިލްގެ ރައީސް ޓެމާ ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އޭނާ ހިންގަވާފައި ނުވާނެ ކަމަށާއި ބަޔަކު މީހުން ލޯރެސް މަޅިއެއްގައި ޖައްސާފައިވާ ކަމަށެވެ. އަދި އެއްވެސް ސިޔާސީ މީހެއްގެ އަޑު ކަނޑުވާލަން ރިޝްވަތު ދޭން މަޝްވަރާކޮށްފައި ނުވާނެ ކަމަށް ވެސް ޓެމާ ވިދާޅުވި އެވެ. ނަމަވެސް ބްރެޒިލްގެ ސުޕްރީމް ކޯޓުން މިހާރު ވަނީ ރައީސްގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ހުއްދަދީފަ އެވެ. ރައީސް ޓެމާ ރިޝްވަތު ދޭން މަޝްވަރާ ކުރާ އޯޑިއޯތައް ވަނީ ލީކުވެފަ އެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވުމުން ޓެމާގެ އިސްތިއުފާ އަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.