ޝިއައީ ލީޑަރުގެ ރައްވެހިކަން ނެގުމުން އީރާން ރުޅިގަދަވެއްޖެ
ޝިއައީ ލީޑަރުގެ ރައްވެހިކަން ނެގުމުން އީރާން ރުޅިގަދަވެއްޖެ

ތެހެރާން (ޖޫން 21) - ބަހުރޭނުގެ ޝިއައީ އިސް ދީނީ ލީޑަރެއް ކަމަށްވާ ޝެއިޚް އީސާ ގާސިމްގެ ރައްވެހިކަން ނަގަން އެ ގައުމުން ނިންމުމުން އީރާން ރުޅިގަވެއްޖެ އެވެ.

ޝިއައީ ލީޑަރުގެ ރައްވެހިކަން ނެގުމުން އީރާން ރުޅިގަދަވެއްޖެ
ޝިއައީ ލީޑަރުގެ ރައްވެހިކަން ނެގުމުން އީރާން ރުޅިގަދަވެއްޖެ

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ޖެނެރަލް ގާސިމް ސުލައިމާނީ ވިދާޅުވީ ޝެއިޚް ގާސިމްއާ މެދު ބަހުރޭނުން ނިންމި ނިންމުމަކީ "މުޅި ސަރަހައްދުގައި ހުޅުރޯކުރުން" ފަދަ ކަމެއް ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާ އިން ވެސް ވަނީ ބަހުރޭނުގެ ނިންމުމަށް ފާޑު ކިޔައިފަ އެވެ.

ބަހުރޭނުން ބުނެފައި ވަނީ ޝެއިޚް މަސައްކަތް ކޮށްފައި ވަނީ ބޭރުގެ ނުފޫޒާ އެކު ދީނީ ގޮތުން ބައިބައިވުން އުފެދޭ ގޮތަށް ކަމަށެވެ. އަދި ބަހުރޭން ސަރުކާރާ ދެކޮޅު ފަރާތްތަކާ ޝެއިޚް ގާތް ގުޅުން ބާއްވަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ބަހުރޭން ސަރުކާރުގެ ނިންމުމާ ގުޅިގެން އެތައް ބަޔަކު ވަނީ ޝެއިޚުގެ ގެ ކައިރިއަށް ޖަމާވެފަ އެވެ. އެއްވި މީހުން ވަނީ ރަސްގެފާން ހަމަދު ބިން އީސާ ޚަލީފާ އާއި ބަހުރޭން ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ބަހުރޭނުގެ ދާޚިލީ ވުޒާރާ އިން ވަނީ އެއްވެސް ހަމަނުޖެހުމަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ބަހުރޭން ސަރުކާރުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ އެ ގައުމުގެ އެންމެ ބޮޑު ޝިއައީ ޖަމާއަތް، ވަފާގު ނޭޝަނަލް އިސްލާމިކް ސޮސައިޓީ ސަސްޕެންޑް ކޮށްފަ އެވެ. އެ ޖަމާއަތުގެ އޮފީސް ބަންދުކޮށް މުދާތައް ވަނީ ފްރީޒްކޮށްފަ އެވެ. ވަފާގު ޖަމާއަތުގެ ލީޑަރު ޝެއިޚް އަލީ ސަލްމާން މިހާރު ވެސް ހުރީ ޖަލުގަ އެވެ. އޭނާގެ ޖަލުގެ މުއްދަތު ދާދި ފަހުން ވަނީ ނުވަ އަހަރަށް އިތުރުކޮށްފަ އެވެ.