ގަތަރާ ގުޅުން ކަނޑާލުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑަށް ގެއްލުމެއް: އެމްޑީޕީ
ގަތަރާ ގުޅުން ކަނޑާލުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑަށް ގެއްލުމެއް: އެމްޑީޕީ

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ ކަމަށް ބުނެ ރާއްޖޭން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަކީ ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އިގުތިސާދީ ގޮތުން ރާއްޖެ އަށް ވަރަށް ބޮޑަށް ގެއްލުމެއް ވެސް ވާނެ ކަމަށް ބުނެ އެމްޑީޕީން މިއަދު ކަންބޮޑުން ފާޅުކޮށްފި އެވެ.

އަރަބި ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލުމާ އެކު ރާއްޖޭން ވެސް އެގޮތަށް ނިންމިކަން ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގަތަރަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އަބަދުވެސް ބޮޑެތި އެހީތަކެއް ދެމުން އަންނަ ގައުމެއް ކަމަށެވެ. އެފަދަ ގައުމަކާ އެކު އޮތް ޒަމާންވީ ސިޔާސީ ގުޅުން ކަނޑާލުމަކީ ވިޔަފާރީގެ ފުރުސަތުތައް ހޯދަން ބޭނުންވާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުންޏެވެ. އަދި ރާއްޖެ އަށް ސައުދީގެ ނުފޫޒު ވަރަށް ބޮޑަށް ފޯރާ ކަމަށް ބުނެ ވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި އެވެ.

އެމްޑީޕީން ބުނީ ރާއްޖޭން ގަތަރާ އެކު އޮތް 33 އަހަރު ވީ ސިޔާސީ ގުޅުން ކަނޑާލުމުން ދެ ގައުމުގެ ދެމެދުގައި ކުރާ ދަތުރުތަކަށް ބުރޫ އަރައިފި ނަމަ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ގަތަރު އެއާވޭސް އިން ރާއްޖެ އަށް ކޮންމެ ދުވަހަކު ދަތަރުކުރެ އެވެ. އެއީ މަތީ ފަންތީގެ ޓޫރިސްޓުން ގިނަ އަދަދަކަށް އަންނަ އެއާލައިނެކެވެ. އެކަމަކު ދެ ގައުމުގެ ވައިގެ ދަތުރުތަކަށް އަންނާނެ ބަދަލެއް އަދި ނޭނގެ އެވެ.

"ގަތަރަކީ އަބަދު ވެސް ރާއްޖެ އަށް ވަރަށް ގާތް ގުޅުމެއް ބާއްވާ އަދި ގަތަރުގެ ސަރުކާރާއި ރައްޔިތުން ވެސް ރާއްޖެއާ މެދު ވަރަށް ގާތް ގުޅުމެއް ބާއްވަމުން ދިޔަ ގައުމެއް،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ބުނީ އީރާނާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމާއި ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ވިސްނައިގެން ކުރި ކަމެއް ނޫން ކަމަށެވެ.

"އެހެންވެ ރައީސް ޔާމީންގެ ހާރިޖީ ސިޔާސަތުތަކާ މެދު އެމްޑީޕީން ވަރަށް ކަންބޮޑުވޭ،" ބަޔާނުގައި ބުންޏެވެ.

"ސަރުކާރުން ގެންގުޅޭ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ ދެމިއޮތުމަށް ހުރަހަކަށްވެ، ރާއްޖެ އަށް ލިބޭ ގެއްލުންތައް އިތުރުވެގެން ދާނެ."

އެ ޕާޓީން ބުނީ ސަރުކާރުން ނިންމާ މިފަދަ ނިންމުންތަކާ ގުޅިގެން ރާއްޖެ އަށް ބޭރު އިންވެސްޓްމަންޓްތައް ހޯދަން ވެސް ދަތިވާނެ ކަމަށެވެ.