ގަތަރުން ގުޅުން ރަނގަޅު ކުރަން ބޭނުމިއްޔާ ހަމާސް އާއި ބުރަދާހުޑާ ގުޅުން ކަނޑާލަން ޖެހޭ: ސައުދީ
ގަތަރުން ގުޅުން ރަނގަޅު ކުރަން ބޭނުމިއްޔާ ހަމާސް އާއި ބުރަދާހުޑާ ގުޅުން ކަނޑާލަން ޖެހޭ: ސައުދީ

ޕެރިސް (ޖޫން 7) - ގަލްފުގެ އަރަބި ގައުމުތަކާ އަލުން ގުޅުން ގާއިމް ކުރަން ބޭނުން ނަމަ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި މިސްރުގެ މުސްލިމް ބްރަދާހުދަށް ތާއިދު ކުރުން ގަތަރުން ހުއްޓާލަން ޖެހޭ ކަމަށް ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.

ގަތަރާއި އަރަބި ގައުމުތަކާ ގުޅުން ގޯސްވީ ރަސްމީ ނޫސް އެޖެންސީ ހެކްކޮށް ގަތަރުގެ އަމީރުގެ ވާހަކަތަކެއް ހިމެނުމާ ގުޅިގެންނެވެ. އަމީރު ވިދާޅުވި ކަމަށް ނޫސް އެޖެންސީގައި ވަނީ ހަމާސް އާއި ބުރަދާހުޑަށް ގަތަރުން ތާއީދުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނަށް ގަތަރުގެ ތާއިދު އޮތް ކަމަށް ވެސް ބުނެފައިވެ އެވެ. ސައުދީ އަރަބިއާ އިން ވަނީ އީރާނާ މިދިޔަ އަހަރު ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ.

"ހަރުކަށި ޖަމާއަތްތަކަށް ތާއީދު ކުރުން ހުއްޓާލާނެ ކަމަށް ގަތަރުން މީގެ އަހަރުތަކެ ކުރިންވީ ވައުދު އަލުން ތަންފީޒު ކުރަން ބޭނުންވޭ. އަދި ދޭދޭ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ގަތަރުން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ،" ޕެރިހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވި އެވެ. "ގަތަރަށް ގެއްލުމެއް ދޭކަށް އެއްވެސް ބަޔަކު ބޭނުމެއް ނުވާނެ. ގަތަރުން ދާނެ މަގެއް އެ ގައުމު އިޚްތިޔާރު ކުރަން ޖެހޭ. ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް ވެސް ފަސޭހަ ކަމެއް ނޫން."

ޖުބައިރު ވިދާޅުވީ ހަމާސް އަށާއި ބްރަދަހުޑަށް އެހީވަމުން ގަތަރުން ދަނީ ފަލަސްތީނާއި މިސްރަށް ގެއްލުންތައް ދެމުން ކަމަށެވެ.

"މިއީ ރަނގަޅު ގޮތެއް ނޫން. ގަތަރުން މިކަންކަން ހުއްޓާލަން ޖެހޭ. އޭރު މެދުއިރުމައްޗަށް ސުލްހަ ގެނެވޭނީ،" ޖުބައިރު ވިދާޅުވި އެވެ.

ފަލަސްތީނުގެ ގާޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ބުނެފައި ވަނީ ގަތަރުން އެ ޖަމާއަތަށް ތާއީދު ކުރުން ހުއްޓާލަން ސައުދީން އެންގުމުން ހައިރާންވާ ކަމަށެވެ. އަދި މިކަމުގެ އަޑީގައި އޮތީ އިޒްރޭލް ކަމަށް ހަމާސް އިން ތުހުމަތުކޮށްފައިވެ އެވެ.

ޖުބައިރު ވިދާޅުވީ އީރާނާ ގުޅުން ބާއްވާ ގައުމުތަކުން އެކަން ކުރަން ޖެހޭނީ އެ ގައުމުގެ އަމިއްލަ ހާލަތު ނުރައްކަލުގެ ތެރެއަށް ލައިގެން ކަމަށެވެ.