ގެސްޓް ހައުުސް އަކަށް ވަދެ ކަޓަރުން ބިރު ދައްކައި ފޭރިގެންފި
ގެސްޓް ހައުުސް އަކަށް ވަދެ ކަޓަރުން ބިރު ދައްކައި ފޭރިގެންފި

މާލޭގެ ގެސްޓް ހައުސް އަކަށް ރޭ މެންދަމު ބަޔަކު ވަދެ، އެ ތަނުގެ ދެ ކޮޓަރިއެއްގައި އުޅުނު ދެ މީހަކަށް ކަޓަރުން ބިރު ދެއްކުމަށް ފަހު ބައެއް ތަކެތި ފޭރިގަނެފި އެވެ.

މާފަންނުގައި ހުންނަ މި ގެސްޓް ހައުސް އަށް ވަގުން ވަދެފައިވަނީ ރޭ މެންދަމުން އަލިވެ 3:30 ހާއިރު އެވެ. ބޮލުގައި ވިގު އަޅައިގެން، ކާކުކަން ނޭނގޭ ގޮތަށް ތިބި ދެ ޒުވާނަކު އެތަނަށް ވަނީ ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި އުޅޭ އުޅޭ ފިރިހެނަކު ހާރުކާން ދިއުމަށްޓަކައި ބޭރަށް ނުކުތުމަށް ގޭގެ ބޭރު ދޮރު ހުޅުވި ވަގުތު އެވެ.

ކަޓަރުން ބިރު ދެއްކި ދެ މީހުންގެ ތެރެއިން އެކަކީ އަންހެނެކެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން އެ އަންހެންމީހާ ބުނިގޮތުގައި ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި އުޅޭ ޒުވާން ފިރިހެނަކު ގެ އިން ނުކުންނަން އުޅެނިކޮށް، ވަގުން އޭނާ ހިފަހައްޓައި އަނބުރާ ގޭތެރެއަށް ވެއްދީ އެވެ. އޭރު އެ ގެސްޓް ހައުސްގައި އަލިކަމެއް ހުރީ އަންހެންމީހާ ދިރިއުޅުނު ކޮޓަރީގައި އެކަންޏެވެ.

"އަހަރެންގެ ކޮޓަރި ހުރީ ދިއްލާފައި. އެހެންވެ، އެ މީހުން ކޮޓަރީގެ ދޮރުގައި ތަޅައިގަނެފައި ވަރަށް ހުތުރު ބަހުން ބުނީ ދޮރު ހުޅުވަން. އެހެން ނޫނީ ވަދެފައި މަރާލާނެ ކަމަށް އެންގީ،" ގެސްޓް ހައުސްގައި އެކަނި ދިރިއުޅެމުން އަންނަ އަންހެންމީހާ ބުންޏެވެ.

ކޮޓަރި ދޮރު ހުޅުވުމުން އޭގެ ތެރެއިން އެކަކު އަންހެންމީހާ ކޮޓަރިން ނެރެ، ސިޓިން ރޫމް ތެރެއަށް ކޮއްޕާލައި ވައްޓައިލި އެވެ. އޭރު އަނެއް މީހާ ހުރީ، ގެސްޓް ހައުސްގެ އެހެން ކޮޓަރިއެއްގައި ދެން އުޅޭ ފިރިހެންމީހާގެ ކަރުގައި ކަޓަރު ޖައްސައިގެންނެވެ.

"އެ މީހުން އެދުނީ އަޅުގަނޑުގެ އަތުގައި ހުރި ހުރިހާ އެއްޗެއް ދޭން. ފިރިހެން ކުއްޖާ ދެކޮޅު ހެދުމުން އެ މީހުން ބުނީ ތިމަންނަމެންގެ އަތުގައި އޮތް އެއްޗެއް ނުފެނޭހޭ، ހަމަ މަރަޔޭ ލާނީ. އޭރު ކަޓަރުގެ ތިލަ ހުރީ ކަރުގައި ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައި،" އަންހެންމީހާ ކިޔައިދިނެވެ.

"ދެން އެ ފިރެހެން ކުއްޖާ ކައިރީ އަޅުގަނޑު ބުނިން މަރުވާން ބޭނުން ނުވަންޏާ އެއްޗެހި ދޭށޭ. އޭރު އެ ކުއްޖާއަށް ހަމަ ރޮވެނީ،"

ވަގުން ދިޔައީ ފިރިހެން މީހާގެ ފޯނާއި ވޮލެޓު އަދި އަންހެންމީހާގެ ފޯނާއި ލެޕްޓޮޕް ވެސް ހިފައިގެންނެވެ. އެ ދެ މީހުން ވެސް ގެންގުޅެނީ ސެމްސަންގެ އެންމެ ފަހުގެ ބްރޭންޑުގެ ފޯނެވެ.

ވަގުން ގެސްޓް ހައުސް އިން ނުކުތީ އެ ދެ ޒުވާނުން ފުރަގަހަށް ވާގޮތަށް ބެހެއްޓުމަށް ފަހު، އެނބުރިއްޖެއްޔާ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެކަމަކު އެ މީހުން ދިޔަކަން ޔަގީން ވުމުން، އަންހެންމީހާގެ އާއިލާގެ ގެއަކަށް ގޮސް ފުލުހުންނަށް އެކަން ރިޕޯޓު ކުރި އެވެ.

އޭނާ ބުނީ ފުލުހުންނަށް ބަޔާން ދިނުމުން، މީހެއްގެ ފޮޓޯ ދެއްކި ކަމަށާއި އެއީ މި ރޯދަމަހު ގެއަކުން ފޭރެން އުޅެނިކޮށް ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން ބުނާ ކަމަށެވެ. ނަމަވެސް ކަޓަރަކާ އެކީ ހައްޔަރު ކުރި އެ މީހާ މީގެ ދެ ރޭ ކުރިން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަޅުގަނޑުމެން އަތުން ފޭރުނު ދެމީހުންގެ ތެރެއިން އެކަކާ، ފޮޓޯގައި ހުރި މީހާއާ ވަރަށް ވައްތަރު. އެކަމަކު އެއީ ސީދާ އެ މީހާއެކޭ ބުނާކަށް ނޭނގޭ. އަޅުގަނޑު ފުލުހުން ގާތުގައި އެހިން ކީއްވެތޯ އެ މީހާ ދޫކޮށްލީ އަދި އެއީ ހަމަ އެ މީހާ އަށް ވެދާނެ ނޫންހޭ ވެސް،" އަންހެންމީހާ ބުންޏެވެ.

ފޭރިގަތް ގެސްޓް ހައުސްގައި ކެމެރާ ނެތް ނަމަވެސް ކައިރީގައި ހުރި އެހެން އިމާރާތެއްގެ ކެމެރާތަކުން އެ މީހުން ރީތިކޮށް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

ގެސްޓް ހައުސް އަކަށް ވަދެ، ތޫނު އެއްޗަކުން ބަޔަކަށް ބިރު ދައްކައި ފޭރުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.